ޔުއޭފާ ސުޕަކަޕްގެ ފޯމެޓް ބަދަލުކުރަނީ
14 އޯގަސްޓު 2025 - 08:18

ޔުއެފާއިން ސުޕަރ ކަޕްގެ ފޯމެޓަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ވިސްނާ ކަމަށް ދަ ޓެލެގްރާފުން ރިޕޯޓުކޮށްފިއެވެ. މި ގޮތުން މިހާރު ދެ ޓީމުގެ މެދުގައި ކުޅެމުންދާ މުބާރާތް، ހަތަރު ޓީމުގެ މުބާރާތަކަށް ބަދަލުކުރުމަށް ވިސްނާ ކަމަށް ވެއެވެ.
މިހާރު ސުޕަރ ކަޕް ކުޅެނީ ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގް ކާމިޔާބުކުރާ ދެ ޓީމުގެ މެދުގައެވެ. ނަމަވެސް ހަތަރު ޓީމުގެ މުބާރާތަކަށް ބަދަލުކުރާނަމަ، އިތުރު ޓީމުތައް ހޮވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.

މި ބަދަލު ގެނައުމުގެ ޚިޔާލު ކުރިންވެސް މަޝްވަރާކުރެވި، އޭރު ބަލައިނުގަނެވުނު ނަމަވެސް، މިހާރު އަލުން އެ މަޝްވަރާތައް ފަށާފައިވަނީ ޔުއެފާގެ މީޑިއާ ރައިޓްސް ވިއްކުމުގައި ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާ އެމެރިކާގެ ކުންފުނި ރެލެވަންޓާ އެކުގައެވެ.
އަދި މީގެ އިތުރުން، މުބާރާތް ޔޫރަޕުން ބޭރުގައި ބޭއްވުމަށްވެސް ވިސްނާ ކަމަށް ވެއެވެ. މި ގޮތުން އެމެރިކާ އާއި މެދުއިރުމަތީގެ ޤައުމުތަކުގައި މުބާރާތް ބޭއްވުމަށް ވިސްނާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޔުއެފާގެ ރައީސް އަލެކްސަންޑަރ ސެފެރިން ކުރިން ވިދާޅުވެފައިވަނީ ޗެމްޕިއަންސް ލީގްގެ މެޗުތައްވެސް ޔޫރަޕުން ބޭރުގައި، ޚާއްސަކޮށް އެމެރިކާގައި ބޭއްވުމާ މެދު މަޝްވަރާކުރެވިފައިވާ ކަމަށާއި، އެކަން ކުރެވިދާނެ ކަމަށެވެ.