ޗެލްސީން ކްލަބް ވޯލްޑް ކަޕުން ލިބުނު ފައިސާގެ ބައެއް ޖޯޓާގެ އާއިލާއަށް ހަދިޔާކުރަނީ
14 އޯގަސްޓު 2025 - 08:27

ދި އެތްލެޓިކް އިން ހާމަކުރި ގޮތުގައި، ޗެލްސީން ކްލަބް ވޯލްޑް ކަޕުން ލިބުނު ބޯނަސް ފައިސާގެ ތެރެއިން ބައެއް، ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޑިއޯގޯ ޖޯޓާ އަދި އާންދްރޭ ސިލްވާގެ އާއިލާއަށް ހަދިޔާކުރުމަށް ނިންމައިފި އެވެ.
ޖުލައި މަހު ބޭއްވުނު ވޯލްޑްކަޕް މުބާރާތުން ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ކްލަބަށް 114 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބުނެވެ. މީގެ ތެރެއިން 15.5 މިލިއަން ޑޮލަރު ކުޅުންތެރިންގެ ބޯނަސްގެ ގޮތުގައި ކަނޑައެޅިފައިވެއެވެ.

ކުޅުންތެރިންނާއި ކްލަބުގެ އިސްވެރިން އެއްބަސްވެފައިވަނީ މި ފައިސާގެ ތެރެއިން ހަމަހަމަ އަދަދެއް ޖޯޓާގެ އާއިލާއަށް ހަދިޔާކުރުމަށެވެ.
ލިވަޕޫލްގެ ފޯވާޑް ޖޯޓާ އަދި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ، ޖުލައި 3 ވަނަ ދުވަހު ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައި ވަނީ މަރުވެފައެވެ. މި ހިތާމަވެރި ވަގުތުގައި ޗެލްސީގެ ފަރާތުން މިފަދަ ކަމެއް ނިންމުމަކީ ފުޓްބޯޅަ މުޖުތަމައުގެ އެއްބައިވަންތަކަން ދައްކުވައިދޭ ރަމްޒެކެވެ.