ގައުމީ އެތުލެޓިކްސް މުބާރާތުގައި އިރުފާން ދެވަނަ ގޯލްޑް މެޑަލް ކާމިޔާބުކޮށްފި
16 އޯގަސްޓު 2025 - 06:10

މާލޭ އެކުވެނި ދުވާ ޓްރެކުގައި މިހާރު ކުރިއަށްދާ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 5000 މީޓަރު ދުވުމުގެ ރަން މެޑެލް މެރެތަން ރަނަރސް މޯލްޑިވްސްގެ މުޙައްމަދު އިރުފާން މިއަދު ކާމިޔާބުކޮށްފިއެވެ.
އިރުފާން މި އިވެންޓުގެ ފައިނަލް ހީޓު ނިންމާލީ 16 މިނެޓު 37.02 ސިކުންތުންނެވެ. މި އިވެންޓުގެ ދެވަނައަށް ދިޔައީ ހަމަ މެރެތަން ރަނަރސް މޯލްޑިވްސްގެ ޔޫސުފް އިބްރާހީމެވެ. އޭނާ ރޭސް ނިންމީ 17 މިނެޓު 1.58 ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔައީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އާއިދު ޢަބްދުﷲ ރިފާއު އެވެ. އޭނާ ރޭސް ނިންމީ 17 މިނެޓު 6.67 ސިކުންތުންނެވެ.

އިރުފާން
މީގެ އިތުުރުން އިރުފާން ވަނީ އިއްޔެ ކުރިއަށް ގެންދިޔަ ފިރިހެނުންގެ 10000 މީޓަރު ދުވުމުގެ ރަން މެޑެލްވެސް ކާމިޔާބުކޮށްފައެވެ. އެ ރޭސް އޭނާ ނިންމާލީ 35 މިނިޓާއި 10.30 ސިކުންތުންނެވެ. މިއާއެކު މި މުބާރާތުން އިރުފާން ވަނީ ދެ ރަން މެޑެލް ހޯދާފައެވެ.
މީގެ އިތުރުން މި މުބާރާތުގެ އަންހެނުންގެ 5000 މީޓަރު ދުވުމުގެ ރަން މެޑެލް ކާމިޔާބުކުރީ ސުމްރިތާ ކުމާރީ ޗޯދަރީއެވެ. އޭނާ ރޭސް ނިންމީ 18 މިނެޓު 14.72 ސިކުންތުންނެވެ. މިއީ މި މުބާރާތުގެ އައު މީޓް ރިކޯޑެކެވެ. މި އިވެންޓުގެ ދެވަނައަށް ދިޔައީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިޝަތު ޖިނާނީ އިބްރާހީމެވެ. އޭނާ ރޭސް ނިންމީ 20 މިނެޓު 22.07 ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔައީ ހަމަ އެ އެސޯސިއޭޝަނުގެ އައިޝަތު ބިންތި އަޙްމަދެވެ. އޭނާ ރޭސް ނިންމީ 23 މިނެޓު 52.33 ސިކުންތުންނެވެ.