ކުށްމަދު ވެއްޓެއް ޤާއިމު ކުރުމަށް ވިލިގިއްޔާއި ވާދޫގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
17 އޯގަސްޓު 2025 - 09:12

ގއ. ވިލިނގިއްޔާއި ގދ. ވާދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށް ‘އަރުތަ ޕްރޮގްރާމް’ ކުރިއަށް ގެންގޮސްފިއެވެ.
އަރުތަ ޕްރޮގްރާމަކީ ކުށް މަދު، އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ވާދޫގައި ކުރިއަށްގެންދިޔަ އަރުތަ ޕްރޮގްރާމުގައި ރަށު ކައުންސިލާއި، ވާދޫ ޖަމާލުއްދީން ސްކޫލާއި، ސިއްހީ މަރުކަޒާއި، ފެނަކަ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހިމެނޭގޮތަށް 42 މުވައްޒަފުން ބައިވެރިވިއެވެ.
ވިލިނގިލީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ނޭޝަނަލް ޑްރަގް އެޖެންސީ – ދަގަނައާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ގއ. އެފް.ސީ.އެސް.ސީގެ މުވައްޒަފުން ބައިވެރިވިއެވެ.
މި އޮގަސްޓް މަހުގެ 14 އަދި 16 ވަނަ ދުވަހު އެ ދެ ރަށުގައި ވަކިވަކިން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި އެ ރަށްރަށުގެ ފުލުހުންނާއި ރަށު ކައުންސިލު ގުޅިގެންނެވެ. މި ޕްރޮގްރާމުގައި، ދިރިއުޅުމުގެ އަދަބުތަކާއި އޮފީސް މާހައުލުގައި ދިމާވާ ކަންކަމާ ކުރިމަތިލައި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ލީޑަރޝިޕް ހުނަރުތަކާއި ކްރިޓިކަލް ތިންކިންގ އަދި އޮފީސް މާހައުލުގައި ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ލިބޭ ހާސްކަމާއި ކުރެވޭ ފިކުރުތަކުން ފަސޭހަކަމާއެކު ދުރަށްދާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގައި ގޮތް ނިންމާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކާއެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިމުމުން ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.