ފުވައްމުލަކުގައި، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
18 އޯގަސްޓު 2025 - 04:45

ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
އަދި މިހާރަށްވުރެ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީގްގެ އިތުރުން ކައުންސިލްގެ އިސް ބޭފުޅުންނާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.
އެގޮތުން ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައިވެސް 2027ގެ ކުރިިން ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަށް އަމާޒުހިފާފައިވާ ކަމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މީގެއިތުރުން ވަޒީރު ވަނީ، ބައެއް ރަށްރަށުގައި ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް މިހާރުވެސް ހިންގަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރައްވާނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.