ހުރާގައި ދިގު މުއްދަތަކަށްފަހު ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފި

17 އޯގަސްޓު 2025 - 09:31

ދިވެހި ފުޓްބޯޅާގައި މަޝްހޫރު އެތައް ތަރިންތަކެއް އުފެދުނު ކ. ހުރާގައި ގާތްގަނޑަކަށް 25 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު، ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތް އިންތިޒާމްކޮށްފައިވަނީ ހުރާ ބެލެސިމޯ ސްޕޯޓްސްއިން އެރަށު ކައުންސިލާ ގުޅިގެންނެވެ.

Ad by Hajj Corporation
''ބެލެސިމޯ ސްޕޯޓްސް ފުޓްބޯޅަ މުބާރާތް 2025''ގެ ނަމުގައި، ''އިލަވެން ސައިޑު'' އަށް ކުޅޭ މި މުބާރާތް ރަސްމީކޮށް ހޮނިހިރު ދުވަހު ހަވީރު ހުރާ ރަސްމީ ބޮޑު ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މި މަހުގެ 16 އިން 26 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި 6 ޓީމު ބައިވެރިވެއެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވައި ހުޅުއްވައިދެއްވީ ގދ. އަތޮޅުގެ ރައީސް ހަސަން ފައިހަތު ޤުދުރަތު ﷲ އެވެ.
މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޓީމް ޖޯކާސް އަދި ޓީމް ބުލަޓްސް އެވެ. ފޯރިގަދަ މި މެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޓީމް ޖޯކާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ، ޓީމް ޖޯކާސްގެ ޖާރޒީ ނަންބަރ 11 ހަސަން އަޒޫމް އަލީއެވެ.
ހުރާގެ ޒުވާނުންނަށް އަމާޒުކޮށްގެން، ހުރާގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ހިންގައި ރޭވުމުގައި، ހުރާގެ އެކިއެކި މުއައްސަސާތަކާއި، ހުރާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި، ގިނަ ޒުވާނުންގެ އިތުރުން ބައެއް ވިޔަފާރިވެރިންގެ ވެސް އެހީތެރިކަން ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ވަރަށް ގިނަ އަހަރުތަކަކަށްފަހު ހުރާގައި ގާއިމް ކުރެވުނު މި ބޮޑު ދަނޑަކީ ޓާރފް އަޅައިގެން ތަރައްގީކޮށްފައިވާ ދަނޑެކެވެ. ނަމަވެސް، ދަނޑުގެ މަސައްކަތްތަށް މުޅިން ފުރިހަމަނުވާތީ، މިމުބާރާތް ބޭއްވުމަށް ދަނޑުތައްޔާރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މި މަސައްކަތްތަކަށް ރެޔާއި ދުވާލު ހޭލަތިބެގެން ގިނަ ބަޔަކު ވަރަށް ޖޯޝާ ފޯރީގައި އެހީތެރިކަން ފޯރުކޮށްދިންކަން މުބާރާތް އިންތިޒާމްކުރާ ބެލެސިމޯ ސްޕޯޓްސްއިން ފާހަގަކޮށްފައިވެއެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މިއަދުގެ މެޗުގައި ބައްދަލު ކުރާނީ ޓީމް ފޯޓީ ޓޫ އާއި ޓީމް ސްޕެއަރ ހަންޓާސް އެވެ. ޓީމް ސްޕެއަރ ހަންޓާސްއަކީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔެއް ކަމުގައިވާ ޢިބުރާހިމް ނީޝާމް ކޯޗް ކޮށްދެމުން އަންނަ ހުރާގެ ކުރީގެ ގިނަ މަޝްހޫރު ފުޓްބޯޅަ ތަރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އެ ތަރިންގެ ތެރޭގައި ހުރާ ޓީމުގެ ކުރީގެ ކެޕްޓަން އަބުދު ﷲ އިބުރާހިމް (ހުރާ އަބުޅޯ)، އަލީ ޝިހާމް، މައުސޫމް، އިމާދު، ފަޔާޒު، ސަމާއު (ސަމަރޫ)، ހުސެން ފަހީމް، އަރީސް (ކީޕަރު) އަދި އާދަމް ލަރީފް (ރޮނާޑޯ) ހިމެނެއެވެ.