ޒުވާނުންގެ އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދީފި
.jpg&w=96&q=75)
17 އޯގަސްޓު 2025 - 13:26

ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށް ލަފާއަރުވަން އުފައްދާފައިވާ ޒުވާނުންގެ ކޮމެޓީން، އެ ކޮމެޓީގެ މެންބަރު އަބްދުﷲ މާހިލް ޝަހީމް އިސްތިއުފާ ދީފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އެ ކޮމެޓީގެ މެންބަރު ކަމަށް އައްޔަނުކުރި މާހިލް އަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ދަރިކަލުންނެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.

އެގޮތުން އެ ސިޓީގައި މާހިލް ބުނީ، ކިޔެވުން ނިންމެވުމަށްފަހު ގައުމަށް ޚިދުމަތްކުރައްވާނެ ކަމަށެވެ. ނަމަވެސް އިސްތިއުފާގެ އިތުރު ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
މާހިލް އެ މަގާމުން އިސްތިއުފާ ވަނީ، މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެ އައުމުގެ ތެރޭގައި ސަރުކާރުން މަނާކޮށްފައިވާ ވޭޕްގެ ސާމާނުތަކެއް އޭނާގެ ފޮށިން ފެނުނު ކަމަށް ބުނެ ވާހަކަތަކެއް ފެތުރުފިއިވާ ދަނޑިވަޅެއްގައެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މާހީލް ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.
މާހިލްގެ އިސްތިއުފާއެކު މާހިލް ވެފައިވަނީ މިދިޔަ އަހަރު އުފެއްދެވި ޔޫތް އެޑްވައިޒަރީ ކޮމެޓީން އިސްތިއުފާ ދިން ދެވަނަ މެންބަރަށެވެ. އެގޮތުން މީގެ ކުރިން އެ ބޯޑުގެ ރައީސްގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ވެސް ވަނީ އިސްތިއުފާ ދީފައެވެ.
ދާއޫދު އެ މަގާމުން އިސްތިއުފާ ދިންއިރު، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގެއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި، އެ މައްސަލައިގައި ދާއޫދު ދޮގު ބަޔާނެއް ދިންކަމަށް ބަޔާންކޮށްފައިވެއެވެ.