ރަސްމާލެ ހިއްކުމަށް އިތުރު ޑްރެޖަރެއް ގެންނަނީ
18 އޯގަސްޓު 2025 - 12:49

ރަސްމާލެ ހިއްކުން އަވަސް ކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް މި ހަފްތާ ތެރޭގައި އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމައިފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް އައިއިރު ވަނީ 129 ހެކްޓަރުގެ ބިން ހިއްކައިފައެވެ. މިއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިމާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި ސިޓީއެއް ތަރައްގީ ކުރާއިރު، މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެކަމަކު، މިހާތަނަށް އައިއިރު ހިއްކުނީ މަޝްރޫއުގެ %12.84 ބިމެވެ.

Ad by Hajj Corporation
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން އިންޑިއާގެ މޯހަން މުތާ އިން ވަނީ 100 ހެކްޓަރުގެ ބިން ހިއްކައިފައެވެ. ކެޕިޓަލް މެރިން ކުންފުނިން 29 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.
އެޗްޑީސީން ބުނީ މިހާރު ވަނީ އިތުރުން ކުންފުންޏެއްގެ ގޮތުން އިންޑިއާގެ މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ވެސް ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފަކަމަށެވެ. އަދި ބޮސްކާލިސް ކުންފުނިން ވަނީ އެ ކުުންފުންޏަށް ބިން ހިއްކުމަށް ހަވާލުކުރި މަސައްކަތް އެއްކޮށް ނިންމާލާފައެވެ.
ބިން ހިއްކުމުގެ މި މަޝްރޫއުގެ ދަށުން މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވަނީ ސައިޓް D,F,G,L ގައި ހިމެނޭ ޖުމްލަ 378 ހެކްޓަރުގެ ބިން ހިއްކުމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދަނީ ތިމާވެއްޓަށް ގެއްލުން ނުވާނެހެއް ރައްކާތެރިގޮތަށް ބަލާގެން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން ރަސްމާލެ ހިއްކަމުންދާ ސަރަހައްދުގައި ހުންނަ މުރަކަތައް ނަގައި އެހެން ސަރަހައްދުތަކުގައި އިންދުމުގެ މަސައްކަތް ކުރަމުންދާއިރު އެގޮތަށް 21،700 އެހާ މުރަކަ އެގޮތަށް ނަގައި އެކި ހިސާބުތަކުގައި އާލާކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފަކަމަށް އެޗްޑީސީން ބުނެއެވެ.
ރަސްމާލެ ހިއްކަނީ ހުޅުމާލެއަށްވުރެ ބިންގަނޑު އުސްކޮށްގެންނެވެ. އެޗްޑީސީން ބުނީ ހުޅުމާލެ ހިއްކާފައިވަނީ ކަނޑުގެ ލޮނުގަނޑަށްވުރެ 2 މީޓަރު އުސްކޮށް ކަމަށްވާއިރު، ރަސްމާލެ ހިއްކަނީ 2.5 މީޓަރު އުސްކޮށްކަމަށެވެ. އެޗްޑިސީން ބުނީ ކުރިއަށްއޮތް ތަނުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްވެގެންދާނޭކަމަށާއި އެގޮތުން އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނޭކަމަށެވެ.
ރަސްމާލެ 25 އިންސައްތަ މަސްކަތް މިހާރު ވަނީ ނިންމާލެވިފަ / ފޮޓޯ: މެންދުރުޓީވީ
ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު މަޝްރޫއުުތަކުގެ ތެރެއިން އެއް މަޝްރޫއުއެވެ. އެގޮތުން މި މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ރަސްމާލެ ހިއްކައި ނިމޭއިރު ހުޅުމާލޭގެ ބިމުގެ ތިންގުނައަށް ބޮޑުވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރުަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވައިލާ ރަސްމާލެ މަޝްރޫއާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅީ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްގީ ކުރެއްވި ބޯހިޔާވަހި ކަމުން މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.