މީޑިއާ ބިލުން މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ޙައްޤުތައް ކަށަވަރުކޮށްދޭނެ: ހަންނާނު

19 އޯގަސްޓު 2025 - 01:38

''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލަކީ މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ޙައްޤުތައް ކަށަވަރުކޮށްދޭނެ ބިލެއްކަމަށް އެ ބިލް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހަންނާން ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލާ ބެހޭގޮތުން އޭނާ ވިދާޅުވި ގޮތުގައި މި ބިލަކީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅުއްވި ބިލެކެވެ. އަދި މި ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ ހުރިހާ މެންބަރުންވެސް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation
މި ބިލުގެ މުހިންމު ބަދަލުތަކުގެ ތެރޭގައި މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންގެ އަޣުލަބިއްޔަތު މީޑިއާތަކުން އިންތިޚާބުކުރާ ނޫސްވެރިންނަށް ލިބިގެންދާނެއެވެ. މިގޮތުން ކޮމިޝަންގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުންނެވެ. މިއީ މިހާރު ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ހުށަހަޅުއްވައިގެން މަޖިލީހުން ރުހުން ދެއްވާ ގޮތާ ޚިލާފު ބަދަލެއްކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.
ހަންނާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބިލުން ތެދު ޚަބަރު ފަތުރަން މަގުފަހިކޮށްދީ، ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވުމުގެ ޖާގަ ހޯދައިދޭނެއެވެ.
''މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެ. ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ 4 ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ. '' ހަންނާން ވިދާޅުވެފަވެއެވެ.
މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ޚަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ފާޑުކިޔަމުންދާ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، މި ބިލުން މީޑިއާ ރެގިއުލޭޓްކުރުމަށް ދައުލަތުން ހިނގާ ޚަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދުމުގެ މަގު ފަހިކޮށްދޭނެކަމަށް ހަންނާން ވިދާޅުވިއެވެ.
ހަންނާން ހުށަހެޅުއްވި ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލު
މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އެއް އުފައްދާނެ
ކޮމިޝަންގައި 7 މެމްބަރުން ތިބޭނެ، އޭގެ ތެރެއިން 3 މެމްބަރުން ރައީސް މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރައްވާނެ، ބާކީ 4 މެމްބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުން،
ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ
އާ މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް
ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން.
ގާނޫނާ ހިލާފު ކަމެއް ކުރާ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާކުރުން.
މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލްކުރުން.
ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލްކުރުން.
މައްސަލައެއް ބަލަމުންދަނިކޮށް ނޫހެއްގެ ވެބްސައިޓެއް ބްލޮކްކުރުން.
ބްރޯޑްކާސްޓްކުރުން ހުއްޓުވަން އެންގުން.
މި ބިލުގެ ފުރަތަމަ ކިއުން މިއަދުގެ މަޖިލީސް ޖަލްސާގައި އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.