އުމުރުން 75 އަހަރުވަންދެން ވަޒީފާގައި ދެމިހުރެވޭ ބިލު މަޖިލީހަށް
19 އޯގަސްޓު 2025 - 05:48

ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް "ރީ-އެމްޕްލޯއިމަންޓްގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދެވެ.

Ad by Hajj Corporation
މި ބިލުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ މަގު ފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.
ބިލުގައިވާ ގޮތުން، ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ ފަރާތްތަކަށެވެ. މީގެ އިތުރުން، މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ވޭތުވެދިޔا 7 އަހަރުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަވެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް މި ފުރުސަތު ލިބިގެންދާނެއެވެ.
މި އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން ނުލިބުނު ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.
ނަމަވެސް މި ބިލު ޤާނޫނަކަށްވި ކަމުގައިވިޔަސް، ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ޤާނޫނުއަސާސީއާއި ޤާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ޤާނޫނު ނުހިނގާނެކަން ފާހަގަކޮށްފައިވެއެވެ. މި ބިލު މިހާރުވަނީ ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވާފައެވެ.