ރެއާލްގެ އެނބުރިއައުން މާބޮޑު ތަފާތެއް ނުފެނޭ، ޕެނަލްޓީއަކުން ތިން ޕޮއިންޓް
20 އޯގަސްޓު 2025 - 03:16
.jpg&w=3840&q=75)
ބޮޑު ނާކާމީޔާއެކު މިދިޔަ ސީޒަން ނިންމާލި ރެއާލް މެޑްރިޑުން 4 އައު 4 ކުޅުންތެރިންނާއެކު ރޭގައި ކުޅެވުނު ސީޒަންގެ ފުރަތަމަ މެޗުން، މާބޮޑު ތަފާތެއް ނެތި ހަނި ގޮތަކަށް މެޗު ކާމިޔާބުކޮށްފިއެވެ.
ރިއާލް މެޑްރިޑްގެ އައު ކޯޗު ޒާބި އަލޮންސޯގެ ފުރަތަމަ ލީގު މެޗުގައި، ރެއާލް މޮޅުވީ އެމްބާޕޭގެ ދެވަނަ ހާފުގެ ޕެނަލްޓީއަކުންނެވެ. މެޗު ނިމުނީ 1-0 އިންނެވެ.

Ad by Hajj Corporation
ފުރަތަމަ ހާފުގައި އޮސަސޫނާގެ ވަރުގަދަ ޑިފެންސް ފަޅާލުމަށް ދަތިވުމަށްފަހު، ދެވަނަ ހާފު ފެށިތާ 6 މިނެޓުގައި އެމްބާޕޭއަށް ލިބުނު ޕެނަލްޓީ ފުރުސަތު އޭނާ ގޯލަކަށް ބަދަލުކޮށް މެޑްރިޑަށް ލީޑު ހޯދައިދިނެވެ. ނަމަވެސް މި ލީޑު އިތުރަށް ބޮޑުކުރުމަށް މެޑްރިޑް އަށް ގޯލާއި އަމާޒުކޮށް ނުރައްކާތެރި މާގިނަ ހަމަލާތަކެއް ފޮނުވާނުލެވުނުނަމަވެސް، ރެއާލް އިން ވަނީ މެޗުގައި ގިނައިރު ބޯޅަހޮފައިގެން މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައެވެ.
މީގެ އިތުރުން އޮސަސޫނާގެ އަބެލް ބްރެޓޯނެސް، ގޮންޒާލޯ ގާސިއާއާ ދެކޮޅަށް ކުޅުމުން ބޭރުގައި ކުރި ފައުލަކާ ގުޅިގެން މެޗުގެ ފަހު މިނެޓުގައި ރަތް ކާޑު ދައްކައި ބޭރުކުރެވުނެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 ގައި އަލޮންސޯ ވަނީ ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް، ޑީން ހައުސެން އަދި އަލްވާރޯ ކަރެރާސް ފުރަތަމަ 11 ގައި ކުޅުވާފައެވެ. އަދި ދެވަނަ ހާފުގައި 18 އަހަރުގެ އާޖެންޓީނާ މިޑްފީލްޑަރު ފްރެންކޯ މަސްޓަންޓުއޯނޯއަށް ވެސް ޑެބިއު ފުރުސަތު ދީފައިވެއެވެ. ރޭޣެ މެޗުގައި އަނިޔާގެ ސަބަބުން ޖޫޑް ބެލިންގްހަމް، ފާލަންޑް މެންޑީ، އެޑުއާޑޯ ކަމަވިންގާ އަދި އެންޑްރިކް ފަދަ ތަރިން ނުކުޅެއެވެ.