ރާއްޖޭގެ ފުޓުބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި
20 އޯގަސްޓު 2025 - 11:01

ރާއްޖޭގެ ފުޓުބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ރާވާފައިވަކަމަށާއި އެ ހަރަކާތްތައް ކުރިއަށްދާނެކަން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ- އެފްއޭއެމްއިން ބުނެފިއެވެ.
މި ހަރަކާތުގެ ތެރެއިން ބައިނަލްއަގްވާމީ މުބާރާތެއްވެސް ތާވަލުކުރެވިފައިވެއެވެ. އެމުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކޮމިޓީގެ ޗެއަރމަން އަލީ ސުޒައިން ވިދާޅުވީ އެމުބާރާތުގައި މަދުވެގެން 4 ޓީމު ވާދަކުރާނެކަމަށެވެ. އަންނަ އަހަރަށް މުބާރާތް ތާވަލުކޮށްފަވާއިރު މުބާރާތްބާއްވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެެއްނުވެއެވެ. ސަބަބަކީ އަންނަ އަހަރު ވޯލްޑްކަޕްއާ ދިމާކޮށް މުބާރާތެއް ފަށައިފިނަމަ އުނދަގޫވާނެތީކަމަށް ސުޒެއިން ވިދާޅުވިއެވެ.

Ad by Hajj Corporation
ސުޒެއިން ވިދާޅުވީ މުބާރާތް ބާއްވާ ތާރީހްތައް ކަނޑައަޅާނީ އެފްއޭއެމްގެ އެގްޒެގެޓިވް ކޮމިޓީއާ މަޝްވަރާކުރުމަށްފަހުގައިކަމަށެވެ. މުބާރާތް ބާއްވާނީ ރާއްޖޭގެ ސީޒަނަށްވެސް ދަތިނުވާނެގޮތަކަށްކަމަށް ސުޒެއިން ވިދާޅުވިއެވެ.
"އެމުބާރާތުގައި މިހާރުގަ އަޅުގަނޑުމެންގެ ވިސްނުމަކީ ފަސް ޓީމު ބައިވެރިކޮށްގެން ކުރިއަށް ދިއުން. ސަރަހައްދުގެ ފަސް ޓީމަށްވެސް ވެދާނެ. ރާއްޖެ ހިމެނޭގޮތުން މި ސަރަހައްދުގެ ތިން ޓީމު ލާފަ އަދި އިތުރު ދެޓީމެއްލާފަވެސް، ހަމަ ޔަގީނުންވެސް އެންމެ މަދުވެގެން ހަތަރު ޓީމު މުބާރާތުގައި ވާދަކުރާނެ ރާއްޖެއާ އެއްކޮށް" ސުޒައިން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޓީގެ ނައިބު އަހުމަދު މުބީން ވިދާޅުވީ މި ހަރަކާތްތައް ކުރިއަށްދާނީ އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ކުޅިވަރު ކަލަންޑަރާ ލާމެހިގެންދާގޮތަށްކަމަށެވެ.
"އެފްއޭއެމްގެ އެކްސްކޯއިން ނިންމާފަ މިއޮތް ކަލަންޑަރު، ކުޅިވަރު ކަލަންޑަރެއް އެބަ އޮވޭ. އެހެންވީމަ އެއާއި އަޅުގަނޑުމެންގެ ހަރަކާތްތަކާއި ގުޅި ލާމެހިގެން އަސްލު ދާނީ. އޭގެ ތެރޭގަ އަޅުގަނޑުމެންގެ ޗެއަރ އެ ފާހަގަކުރެއްވިހެން އިންޓަނޭޝަނަލް މުބާރާތްވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ. އަދި އަތޮޅު ތެރޭގަ މިބޭއްވިގެންދާ މުބާރާތްތައްވެސް ދާނީ 75 އަހަރު ސެލެބްރޭޓް ކުރެވޭގޮތަށް. " މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ މިފަދަ ބޮޑު މުބާރާތެއް ބޭއްވިގެން ދާނީ ދިވެހި ފުޓުބޯޅައަށް ހިދުމަތް ކުރެއްވި ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާއެކުގައިކަމަށެވެ.
ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމާއި، ފުޓުބޯޅައަށް އެންމެ ޚިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލް އާ ގުޅޭ ލޯގޯއެއް އިފުތިތާހުކުރުމުގެ އިތުރުން މުނާސަބާއާއި ގުޅޭ ލަވައެއް ނެރުމަށްވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.