މިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވި
21 އޯގަސްޓު 2025 - 11:09

މިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން އާންމުކުރި މިއަހަރުގެ ރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ނުވަތަ ރާއްޖޭގައި ވިހާ މަރުވާ މީހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން ނެރިފައިވަނީ ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިއްހީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމެވެ.

Ad by Hajj Corporation
މިއީ ދިވެހިރާއްޖޭގައި ވިހާމަރުވާ ތަފާސްހިސާބު މިއަހަރުތެރޭގައި އާއްމުކުރެވޭ ފުރަތަމަ ފަހަރެވެ. މި ބުލެޓިންގައި ހިމަނާފައިވަނީ މިއަހަރުގެ ފުރަތަމަ ތިންމަހުގެ ވިހާމަރުވާ މީހުންގެ ތަފާސްހިސާބެވެ.
ސިއްޙީ ވުޒަރާއިން ބުނީ، މި ބުލެޓިން ޝާއިއުކުރުމުގެ މަގްސަދަކީ ރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަން ސިސްޓަމް ހަރުދަނާކުރުމަށް ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ވިހާމަރުވާ މީހުންގެ ތަފާސްހިސާބުގެ މައުލޫމާތުތައް ވަގުތުން ވަގުތަށް ސައްހަކަމާއެކު ކޮންމެ ތިންމަހުން އެއްމަހުން އާއްމުކުރަމުންގެންދިއުންކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ބުލެޓިން އިތުރު ފުރިހަމަ ކަމާއެކު، އެއް ކުއަރޓައާއި އަނެއް ކުއަރޓާއާ އަޅާކިޔާ، މީހުން މަރުވާ މައިގަނޑު ސަބަބުތައް ހިމެނުމަށްފަހު ނެރުމަށް ވަނީ އަމާޒު ހިފާފައެވެ.
މިބުލެޓިން އާންމު ކުރުމުގެ ރަސްމިއްޔާތުގައި ސިއްހީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމްވަނީ ރާއްޖޭގެ ވިހާމަރުވާ މީހުންގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން ހާއްސަކޮށް ސިޔާސަތުތައް ކަނޑައެޅުމުގައި މިފަދަ މުހިއްމު ތަފާސްހިސާބުތައް ބޭނުންވާކަން ފާހަގަކުރާއްވާ ވަޒީރު ވިދާޅުވީ މި ތަފާސްހިސާބުތައް ވަގުތުން ވަގުތަށް ލިބެން ހުރުމަކީ މުހިއްމުކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ބުލެޓިންގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން އުފަންވެފައިވެއެވެ. މީގެ ތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. ހަމަ މި މުއްދަތުގައި ޖުމްލަ 374 މީހުން މަރުވެފައިވާއިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، މި އަދަދުގެ 63 އިންސައްތަ އަކީ ފިރިހެނުންނެވެ. އަދި މަރުވި މީހުންގެ އުމުރުފުރައަށް ބަލާއިރު ގިނައީ ދޮށީ އުމުރުފުރާގެ މީހުންނެވެ.
ސިއްހީ ވުޒާރާ އިން ބުނީ، މި ތަފާސްހިސާބުތަކުގެ އަލީގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ސިއްހީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްހީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ސިއްހީ ވުޒާރާ އިން ވަނީ ބުނެފައެވެ.
މި ބްލެޓިންގެ އެހީގައި ޅަފަތުގައި ކުދިން މަރުވާ މިންވަރާއި ވެހެއުމުގެ ތެރޭގައި މައިން މަރުވާ މިންވަރާއި އުފަންވާއިރު ދިރިހުންނާނެކަމަށް ލަފާކުރާ އެވްރެޖް އުމުރުފަދަ އާބާދީއާ ގުޅުން ހުރި މުހިއްމު ތަފާސްހިސާބުތައް ލިބިގެންދާނެއެވެ. މީގެ އިތުރުން މިފަދަ މައުލޫމާތުތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ރާއްޖެއިން ހާސިލްކުރަމުންދާ މިންވަރު ދެނެގަތުމަށް ފަސޭހަވާނެއެވެ.