ދިވެހިރާއްޖޭގައި ވެސް ހިތުގެ ބަލިފަދަ ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަ: ހެލްތް މިނިސްޓްރީން

29 ސެޕްޓެމްބަރު 2025 - 09:25

ދިވެހިރާއްޖޭގައި ވެސް ހިތުގެ ބަލިފަދަ ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަކަމަށް ހެލްތް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްގައި ވަނީ ދުނިޔޭގެ ހިތުގެ ދުވަސް 2025 އާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

Ad by Hajj Corporation
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަހުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކޮށް، ބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުމެވެ. މި އަހަރުގެ ޝިޢާރަކީ "Don't Miss a Beat" ކަމަށްވާއިރު، މި ޝިޢާރުގެ އަމާޒަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، ދުރާލާ ހިތުގެ ބައްޔަށް ސްކްރީންކުރުމަށް އަހުލުވެރިކުރުވުމެވެ.
ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތައް ތަޙައްމަލުކުރާ މީހުންނެވެ. އަދި މީގެ ތެރެއިން 36 ޕަސެންޓް މީހުން މަރުވަނީ ހިތުގެ ބަލީގައެވެ.
''ހިތުގެ ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއްބައްޔެވެ. ދިވެހިރާއްޖޭގައި ވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ %84 އަކީ މިފަދަ ބަލިތައް ތަޙައްމަލު ކުރާ މީހުންނެވެ. މީގެ ތެރެއިން މަރުވާ %36 މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުންނެވެ.'' ހެލްތް މިނިސްޓްރީ
މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުމަށް ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ޖުލައި 2025 ގެ ނިޔަލަށް 11 އަތޮޅެއްގެ ޞިއްޙީ ޚިދުމަތްތެރިންނަށް ކަމާގުޅޭ ތަމްރީނުތައް ދީފައިވާއިރު، މި އަތޮޅުތަކުން 35 އަހަރުން މަތީގެ 24,773 މީހުން ވަނީ ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީންކޮށްފައެވެ. މީގެ ތެރެއިން 4,461 މީހުންނަށް ލޭ މައްޗަށް ދާކަން ވަނީ ފާހަގަކުރެވިފައެވެ.
މި އަތޮޅުތަކަކީ ފ، އދ، ނ، ޅ، ތ، މ، ބ، ދ، ރ، ގދ، ފުވައްމުލައްއެވެ. ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަސް ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
ހިތް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ތަރުކާރީ، މޭވާ އަދި ޕްރޮޓީން ގިނައިން ހިމެނޭ ކާނާ ކެއުމާއެކު، ސަރުބީ، ހަކުރު އަދި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމަށް ހެލްތް މިނިސްޓްރީން އިރުޝާދު ދެއެވެ. އަދި މީގެއިތުރުން ކަސްރަތުކުރުމާއި، ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމާއި، އެކަށީގެންވާ ބަރުދަނެއްގައި ހުރުމާއި، ނަފުސާނީ ޞިއްޙަތަށް ސަމާލުވުމަކީވެސް މުހިއްމު ކަންތައްތައް ކަމުގައި މިނިސްޓްރީން ފާހަގަކުރެއެވެ.
ހިތުގެބަލީގެ ނުރައްކަލުން ސަލާމަތް ވުމަށް ސަމާލުކަންދޭންވީ ކަންތައްތައް
- ޞިއްޙީ ގޮތުން ރައްކާތެރިވެ ތިބުމަށް އާދަވެ ޓެސްޓުތައް ހަދައި ބަލަމުން ދިއުން.
- އާދަވެ ކޮލެސްޓްރޯލް، އަދި ހަކުރު ހުންނަންވާ މިންވަރަށް ސަމާލުކަން ދިނުން.
- ލޭގެ ޕްރެޝަރު ދެނެގަތުން. (ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް ހުރި އެންމެ ބޮޑު ނުރައްކަލެވެ.
- އިސްކޮޅާ އެކަށީގެންވާ ބަރުދަނެއް ހުރިތޯ ބެލުން.
- ޤަވާޢިދުން ޑޮކްޓަރަށް ދައްކައި ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ދެނެގަތުން މުހިންމު.