މައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ
13 އޮކްޓޯބަރު 2025 - 11:18

މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ހެޕަޓައިޓިސް ބީ އަދި ސިފިލިސް ބަލި ހިމެނޭހެން، "ޓްރިޕްލް އެލިމިނޭޓް" ކުރި ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައި ވަނީ ރާއްޖެއަކީ އާންމު ސިއްހީ ނިޒާމަށް ބަލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ރާއްޖޭން ވަނީ އެޗްއައިވީއާއި ސިފިލިސް މައިންގެ ފަރާތުން ދަރިން ގަޔަށް އެރުން 2019 ވަނަ އަހަރު ރާއްޖޭން ހުއްޓުވާފައިވާކަން ފާހަގަކޮށްފައެވެ. އަދި، އެ ފަދައިން ހެޕިޓައިޓިސް ބީ ފެތުރުން ވެސް ހުއްޓުވިކަން އެ ޖަމިއްޔާއިން ބަލައިގަތުމާ އެކު 'ޓްރިޕްލް އެލިމިނޭޝަން' ހާސިލުކުރި ފުރަތަމަ ގައުމަށް ރާއްޖެ ވަނީ ވެފައެވެ.

Ad by Hajj Corporation
ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑާއެއްގޮތަށް މިތިން ބަލި އެއްކޮށް ފުރަތަމަ ފަހަރަށް ނައްތާލެވުނު ގައުމަކަށް ރާއްޖެވެފައިވާ ކަން ހާމަކޮށް ބުނެފައިވަނީ މިކަމަކީ އެހެން ގައުމުތަކަށް ވެސް ހުރި ނަމޫނާއެއް ކަމަށެވެ.
ޑަބްލިޔުއެޗްއޯގެ އިރުމަތީ ދެކުނު އޭޝިއާ ސަރަހައްދުގައި އެކަނި ވެސް ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 23،000 އަށް ވުރެ ގިނަ މާބަނޑު އަންހެނުންނަށް ސިފިލިސް ޖެހިފައިވާއިރު 8000 އަށް ވުރެ ގިނަ ތުއްތު ކުދިން އުފަންވީ ސިފިލިސް ޖެހިގެންނެވެ. ގާތްގަނޑަކަށް 25,000 އެޗްއައިވީ ޕޮޒިޓިވް މާބަނޑު އަންހެނުންގެ ތުއްތު ކުދިންނަށް މި ބަލިތައް ފެތުރުން ހުއްޓުވުމަށް ފަރުވާ ބޭނުންވާއިރު، ހެޕަޓައިޓިސް ބީގެ އަސަރު މި ސަރަހައްދުގެ 42 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކުރެއެވެ.
މި ބައްޔަކީ މަންމައިން ފަރާތުން ދަރިފުޅަށް ޖެހޭ ބައްޔެއް ކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކަށް މި ބަލި ތަހައްމަލުކުރަން ވަނީ ޖެހިފައެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭން ވަނީ މައިމީހާއާއި ކުޑަކުދިންގެ ސިއްހަތަށް ހާއްސަ މިންގަނޑުތަކެއް ބިނާކޮށްފައެވެ. ޖުމުލަ 95 އިންސައްތައަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ވިހެއުމުގެ ކުރިން ފަރުވާ ލިބޭއިރު، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީއަށް ބައިނަލްއަގްވާމީ ފެންވަރުުގެ ޓެސްޓްތައް ހަދައެވެ. އަދި، ވެކްސިން ޖެހުމުގެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ބިނާކޮށްފައިވާކަން ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން 2022 އާއި 2023 ވަނަ އަހަރު އެޗްއައިވީ ނުވަތަ ސިފިލިސް ތަހައްމަލުކުރާ އެއްވެސް ތުއްތު ކުއްޖަކު ރާއްޖެއަށް އުފަންވެފައިނުވާއިރު 2023 ވަނަ އަހަރު ކުރި ގައުމީ ސާވޭއަކުން ކުޑަކުދިންގެ (ސްކޫލުގެ ފުރަތަމަ ގްރޭޑް) ހެޕަޓައިޓިސް ނެތް ގައުމެއް ކަމަށް ކަށަވަރުކޮށް، އެލިމިނޭޝަން ޓާގެޓަށް ވަނީ ގޮސްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތަ ސިއްހީ ނިޒާމަށް ހޭދަކުރާކަން ފާހަގަކޮށްފައެވެ. އަދި، ރާއްޖެއަށް އެސްޓީޑީ ބަލިތައް ކޮންޓްރޯލް ކުރުމުގައި މިހާ ބޮޑު ކާމިޔާބީއެއް ހޯދުނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނާއި ރާއްޖެއަށް އަންނަ ބިދޭސީންނަށް ވެކްސިން ދިނުމުގައި ހަމަހަމަ އުސޫލެއް ހިލޭ ސާބަހަށް ގެންގުޅުމުގެ ސަބަބުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިކަމުން ދައްކުވައިދެނީ ސަރުކާރާއި، އަމިއްލަ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަގްވާމީ ބައިވެރިންގެ މެދުގައި ވަރުގަދަ ޕާޓްނާޝިޕްތަކެއް އުފެދި، ސްކްރީނިން، ޚިދުމަތް، އައުޓްރީޗް، އަދި ޓެކްނިކަލް ސަޕޯޓްގައި ގުޅިގެން މަސައްކަތްކުރާކަން ކަމަށެވެ.