ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފި
12 އޮކްޓޯބަރު 2026 - 14:32

ދިވެހިރާއްޖޭގައި ކުރެވޭ ސިއްޙީ ދިރާސާތަކުގެ މަޢުލޫމާތު އެކުލަވާލައިގެން ކޮންމެ އަހަރަކު ނެރޭ "މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން" ގެ 11 ވަނަ ވޮލިއުމް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.
މި ބުލެޓިން ނެރެފައިވަނީ އެ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބުލެޓިން ޝާއިޢުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ހެދޭ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، ސިއްޙީ ދިރާސާކުރުމުގެ ރޫޙު އާލާކޮށް ދިރާސާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމެވެ. މިއީ ރާއްޖޭގައި ސިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ދިރާސާތަކަށް މަގުފަހިވާނެފަދަ ރަނގަޅު ވެއްޓެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި ފަހަރު ނެރުނު ބުލެޓިންގައި ޞިއްޙީ ދިރާސާތަކުގެ 12 އެބްސްޓްރެކްޓެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ސިއްޙަތާއި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން އަދި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އާންމު ސިއްޙަތާ ގުޅުންހުރި މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، ބަލިމީހުންނަށް ފަރުވާދިނުމުގެ ގޮތުން ހަދާ ސާރޖިކަލް ޕްރޮސީޖަރތަކާއި ބޭނުންކުރާ ބޭހާ ގުޅޭ ދިރާސާތައްވެސް މި ޢަދަދުގައި ހިމަނާފައިވެއެވެ.
މި ބުލެޓިންގައި ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލާއި، ސިއްޙީ ދިރާސާތަކަށް ހުއްދަ ދެވޭ އުސޫލުތަކުގެ މަޢުލޫމާތު ވަނީ ހިމަނާފައެވެ. އަދި ރާއްޖޭގައި ސިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތަކާއި، އެ ކައުންސިލުން މިހާތަނަށް ހުއްދަ ދީފައިވާ ދިރާސާތަކުގެ ތަފްޞީލީ ލިސްޓެއްވެސް މި ބުލެޓިންއިން ފެންނަން ހުންނާނެއެވެ.

-01.jpg&w=3840&q=75)
