ލެބް ރިޕޯޓް ބޭނުންކޮށްގެން ކާބޯތަކެތި އިޝްތިހާރުކުރުން މަނާ: އެމްއެފްޑީއޭ
12 އޮކްޓޯބަރު 2026 - 13:00

ޞިއްޙީ އެތައް މަންފާތަކެއް ލިބޭނެ ކަމަށް ދޭހަވާ ގޮތަށް، ލެބޯޓަރީތަކުން ދޫކުރާ ތަޙުލީލު ރިޕޯޓުތައް ބޭނުންކޮށްގެން ރާއްޖޭގައި ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހަނދާންކޮށްދީފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާ ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެގޮތުން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއް ނުވަތަ ރިފަރަލް ލެބޯޓަރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލައިސިސް" އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބައެއް އިޝްތިހާރުތަކުގައި ބޭނުންކުރުމަކީ 'ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު' ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ޚާއްޞަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް މާކެޓުކުރާ އުފެއްދުންތަކާ ގުޅިގެން މީގެކުރިން ނެރެފައިވާ ބަޔާނުގައި ވެސް އިރުޝާދު ދީފައިވާނެ ކަމަށް އެމްއެފްޑީއޭ އިން ފާހަގަކުރިއެވެ. ކާބޯތަކެތީގެ އެއްވެސް ބާވަތަކުން ޞިއްޙަތަށް ޚާއްޞަ ފައިދާތަކެއް ކުރާނެ ކަމަށް ނުވަތަ ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުމަކީ ވެސް އެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަދި 9 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކަމެކެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ޞިއްޙީ މަޢުލޫމާތަކީ ޢިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މަޢުލޫމާތަށް ވާންޖެހެއެވެ. ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ އެފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ޞިއްޙީ ފައިދާ ޢިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެހެންކަމުން، ބާޒާރުގައި ވިއްކަން ހުންނަ އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް ޢާންމު ރައްޔިތުންނަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

-01.jpg&w=3840&q=75)
