މިއަހަރުގެ ނިޔަލަށް ހުރިހާ ފާމަސީއަކުން އަސާސީ ބޭސް ލިބޭނެ ގޮތް ހަދަނީ
11 އޮކްޓޯބަރު 2026 - 19:18

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ބޭސްފިހާރަތަކުން އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިސްނަގައިގެން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ބޭސް ކުންފުނި ސްޓޭޓް ފާމަސޫޓިކަލްސް މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސްފިހާރަތަކަށާއި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުންވެސް އަސާސީ ބޭސް ލިބެން ހުންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ ބޭސް ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރައްޔިތުންނަށް ބޭސް ހޯދުމުގައި އެހީތެރިވެދިނުމަށާއި، ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޚާއްޞަ ހޮޓްލައިނެއްގެ ގޮތުގައި 1505 ވަނީ ތަޢާރަފްކޮށްފައެވެ. 24 ގަޑިއިރު ޚިދުމަތް ލިބޭ މި ހޮޓްލައިން މެދުވެރިކޮށް ބޭހާ ގުޅޭ މަޢުލޫމާތު ލިބުމުގެ އިތުރުން، ބޭހަށް އޯޑަރު ކުރުމުން އެ ފަރާތަކާ އެންމެ ކައިރި ފާމަސީއަކުން ބޭސް ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިދޭނެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަހަރުގެ ޖުލައި މަހު ވަނީ ފާމަސީތަކުގައި ބެހެއްޓުން ލާޒިމުކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖަޢާކޮށް، އެއަށް ޢަމަލުކުރަން އަންގާފައެވެ. އެ އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތުގައި، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް އަބަދުވެސް ލިބެން ހުންނަންޖެހެއެވެ.
މި އުޞޫލުގެ ދަށުން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް ޖެނުއަރީ މަހުގެ ނިޔަލަށް ފުރިހަމަކުރަން ޖެހެއެވެ. އަދި އަލަށް ހުޅުވާ ފާމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، ކަނޑައެޅިފައިވާ ގިންތީގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުން ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބަޔާންކޮށްފައެވެ.

-01.jpg&w=3840&q=75)
