އިންޓަރނެޓަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ތާޖުއްދީން ސުކޫލުގައި ކުރިއަށް ގެންގޮސްފި
21 އޯގަސްޓު 2025 - 11:51

ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ތާޖުއްދީން ސްކޫލު ގްރޭޑް 10 ގެ ދަރިވަރުންނަށް މައުލޫމާތު ދީފިއެވެ.
މި މަހު 20 ވަނަ ދުވަހު ތާޖުއްދީން އެ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ މާފަންނު ޕޮލިހުގެ ނެއިބަހުޑް ސަޕޯޓާއި ސައިބަރ ކްރައިމް ސެންޓަރު އަދި ތާޖުއްދީން ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

Ad by Hajj Corporation
މި ސެޝަނުގައި އިންޓަނެޓް ބޭނުންކުރާއިރު ދަރިވަރުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މައިންބަފައިންގެ ބެލުމުގެ ދަށުން އިންޓަނެޓް ބޭނުންކުރުން ކަމުގައި ބުނެދިނެވެ. އަދި އިންޓަނެޓުން ބައްދަލުވާ ނުދަންނަ އެއްވެސް ފަރާތަކަށް އެއްވެސް ކުއްޖެއްގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ނުދަންނަ މީހުންނާ ވާހަކަނުދެއްކުމަށް ވެސް ބުނެދީފައިވެއެވެ
މީގެ އިތުރުން، އިންޓަނެޓް ބޭނުންކޮށް ހިންގާ އެކި ކުށްތަކާއި އެ ކުށްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރިއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި އެހެން މީހުންގެ އަގު ވައްޓާލައި މަލާމަތްކުރުމާއި އަބުރަށް ހުތުރު ނަމެއް ލިބޭނެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ކޮންމެ ކުއްޖަކީ ވެސް ކޮންމެތާކު އުޅުނަސް އަހުލާގު ރަނގަޅު ކުއްޖެއް ކަމުގައިވުމަށާއި އެހެން މީހުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށް އަބަދުވެސް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ދިރިއުޅުމުގެ އެކި ކަންކަމަށް ސްކޫލު ދަރިވަރުން ލޯހުޅުވައި ހޭލުންތެރިކުރުވައި އަދި ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ގެންދަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.