logo
ޚަބަރު

ގޭންގު ކުށްތަކުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

އައިމިނަތު މޫސާ
21 އޯގަސްޓު 2025 - 12:16
ގޭންގު ކުށްތަކުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު'' އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް، ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.

ގާނޫނު ނަންބަރު 7/2025 ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މި މަހުގެ 25 ގައި އަމަލުކުރަން ފަށާއިރު، މި ޕްރޮގްރާމަކީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުން އެ ޤާނޫނަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މަހު 20 ވަނަ ދުވަހު މާލެ ސިޓީގައި ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކަމަށާއި، މި ޕްރޮގްރާމުގެ ތެރެއިން އިއްޔެ އެކަނި ވެސް މާލޭގެ 138 ފިހާރައަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާކަމަށެވެ.

އެގޮތުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ، އެ ޤާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާއިރު، ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ހާއްސަކޮށް ތުހުމަތުކުރެވޭފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއް ކަމުގައި ބުނެދީ އަދި ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެ ކުދިންނަށް ނުވިއްކުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ޤާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ފުލުހުން އިތުރަށް ބުނެފައިވަނީ، ވިޔަފާވެރިންނާއި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް އެނގެންޖެހޭ މުހިންމު މަޢުލޫމާތު ހިމެނޭ ސްޓިކާ ފިހާރަތަކުގައި ތަތްކޮށްފައިވާކަމަށެވެ.

އޭގެ އިތުުރުން، އެކި ކަހަލަ ކުށްތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، މަސްތުވާތަކެއްޗާއި، ވައްކަމުގެ މައްސަލަތަކާއި، ސްކޭމް ފަދަ ކުށްތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާއި، މިފަދަ ކުށްތަކުން ރައްކާތެރިވުމަށް ތިމާގެ ފަރާތުން އަނެކާއަށް ވެސް މައުލޫމާތު ހިއްސާކޮށްދިނުމަށް ހަނދާންކޮށްދީފައިވެއެވެ.

އަދި ފިހާރަތަކުގައި ހުރި ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށާއި، ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުން މުޖުމަތަޢުގައި ކުށްކުރާ މިންވަރު މަދުކުރެވޭނެކަމާއި މީހަކު ކުށެއް ހިންގަން އުޅޭކަމަށް ތިމާއަށް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް މަޢުލޫމާތު ދިނުމަށްވެސް ފުލުހުންވަނީ ނަސޭޙަތްތެރިވެފައިވެއެވެ.

މި ޕްރޮގްރާމް، މާލެއާއި، ހުޅުމާލެއާއި ވިލިމާލޭގެ ފިހާރަތަކުގެ އިތުރުން ގަރާޖުތަކާއި ތަންތަން ކުއްޔަށް ދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކަށް ވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް، މި ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ 3 މީހުން ބަންދަށްޚަބަރު | 11 ގަޑިއިރު ކުރިންގޭންގު ކުށްތަކުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި ޚަބަރު | ދުވަހެއް ކުރިންއިންޓަރނެޓަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ތާޖުއްދީން ސުކޫލުގައި ކުރިއަށް ގެންގޮސްފި ޚަބަރު | ދުވަހެއް ކުރިންއަބްދުއްރަހުމާން މަރާލި މައްސަލަ: ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން