އެދުވަސް: ޔާމީންގެ ވާހަކައިން ހެކިލިބިއްޖެ - ޖަމީލު
22 އޯގަސްޓު 2025 - 17:30

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، 14 އޯގަސްޓް 2017 ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އިއުތިރާވެފައިވުމަކީ އެމަނިކުފާނު އަޒުކުރަން ޖެހޭ ފަދަ ވާހަކަފުޅެއް ކަމަށް ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވެފަވެއެވެ.
''އެދުވަސް'' ސިލްސިލާގެ ދަށުން މިއަދު މި ހަނދުމަ އައުކޮށްލީ ޔާމީންގެ މިހާރުގެ ވަކީލު ޖަމީލު، ޔާމީނާ މެދު އެދުވަހު ދެއްކެވި ވާހަކައެވެ.

Ad by Hajj Corporation
ޕީޕީއެމްގެ ބޮޑު ޖަގަހައެއް، މާލޭ ހިޔާ ހުސް ބިމުގައި ހުޅުވުމަށް 14 އޯގަސްޓް 2017 ވަނަ ދުވަހުރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެއިރު ރައީސްކަމުގައި ހުންނެވި ޔާމީން ވިދާޅުވީ، ކުރީގައި ވަރަށް އަރިސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން (މިހާރު ) އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.
"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ޔާމީން އެ ރޭ ވިދާޅުވި އެވެ.
ޔާމީންގެ މި އިއުތިރާފު ފާހަގަކުރަށްވައި މިހާރު ޔާމީންގެ ދިފާއުގައި ހުންނެވި، އޭރު ދުޝްމަނެއްގެ ގޮތުގައި ހުންނެވި ޖަމީލު ވިދާޅުވީ، އަމިއްލަ އިއުތިރާފަކީ ކާފީ ހެކި ކަމަށެވެ. އިންސާފުވެރި ނިޒާމެއް ހިނގާނަމަ ޔާމީން ދެއްކެވި ވާހަކަތަކުން ވެސް އެމަނިކުފާނު މަގާމުން އަޒުލުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޖަމީލް އެދުވަހު އެ ދެއްކެވި ވާހަތައް ހިތްމައްޗަށް އަންނަ މި ވަގުތަކީ ޔާމީން ފުލުފުލުގައި ދެ އިއުތިރާފެއް ވެފައިވާ ވަގުތެއްކަން ފާހަގަކޮށްލެވެއެވެ. އެއީ ވައްކަން ކުރި ކަމަށާއި އެކަން ކުރެއްވީ އަމިއްލަފުޅަށް ކަމަށް ވިދާޅުވެ، ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާގައި ވެވަޑައިގެން އިއުތިރާފާއި، 13 އޯގަސްޓްގައި އަދަދު ނޫހުން ގެނެސްދިން ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެކިފަރާތްތަކުން ހަދިޔާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދެއްވި ކަމަށާއި، އެ ޑޮލަރުތައް ނަގުދު ފައިސާގެ ގޮތުގައި ރާއްޖެ ގެންނަވައި އެތެރެކުރެއްވި ކަމަށް ވެވަޑައިގެން އިއުތިރާފެވެ. މި ކޮންމެ އިއުތިރާފެއް ގުޅެނީ ބޮޑު ޤާނޫނީ ކުށަކާއެވެ. ޖަމީލްގެ އެދުވަހުގެ ބަހުންނަމަ އަމިއްލަ އިއުތިރާފަކީ ކާފީ ހެކި ކަމަށް އެ ވިދާޅުވި ވިދާޅުވާ އެއްގޮތަށް ވެސް މެއެވެ.