ގައުމީ ދުވަހާ ގުޅިގެން ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު
23 އޯގަސްޓު 2025 - 11:15
ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހާ ގުޅިގެން ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
އެމްއެންޑީއެފް އިން ބުނީ މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިން ކަމަށެވެ.

Ad by Hajj Corporation
މާލޭގެ މައި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުމުގައި، ލަޝްކަރު ޖުމްލަ ހަތަރު ތަނެއްގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި މިލިޓަރީ ބޭންޑުން ކޮންމެ ތަނެއްގައި ވެސް ރާގު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮއްޓަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ލަޝްކަރު ހުއްޓާ ސަރަހައްދުތައް:
- ސޯސަންމަގު، ދިވެހިބަހުގެ އެކަޑަމީ ކުރިމަތި
- މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަނގޮޅި
- މަޖީދީމަގު، މިލިޔަން ބުކްޝޮޕް ކުރިމަތި
- ބޮޑުތަކުރުފާނުމަގު، ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި
ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަހުރުވެެރި "ގައުމީ ދުވަސް"ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަސްރާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާ ޒިކުރާ އާކުރުމަށެވެ.