logo
ޚަބަރު

ދައުލަތުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އައިމިނަތު މޫސާ
27 އޯގަސްޓު 2025 - 05:37
ދައުލަތުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު" މިމަހުގެ 19 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ. އަދި މިހާރު މިވަނީ މި އުޞޫލްގެ ދަށުން މި އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation


ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 28 އިން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.
އިއުލާނުގައި ވާގޮތުން އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ. އަދި އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވް ގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު"ގެ ދަށުން ފައިސާ ދޫކުރާނީ 3 ޕޭމަންޓަކަށް ބަހާލައިގެންނެވެ. އެހެންނަމަވެސް މިއަހަރު 1 ޕޭމަންޓުގެ ގޮތުގައި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށްޓަކައި ފުރިހަމަ ވާން ޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.

މެދުނުކެނޑި ހިދުމަތް ދޭތާ 3 އަހަރު ވެފައި ވާނަމަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ގްރާންޓަށް ކުރިމަތިލުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އާންމުންނަށް އެ މީޑިއާއަކާ މުޢާމަލާތު ކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިއު ކޮށްފައި އޮތުމާއި، ޓެކްހާ ގުޅޭ ގޮތުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ދިޔުމާއި، ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ދިޔުމުގެ އިތުރުން އެ މީޑިއާއެއްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މުޢާމަލާތްތައް ހިންގަމުން ދަނީ ބޭންކު މެދުވެރިކޮށް ކަމުގައި ވުން ހިމެނެއެވެ.

މީގެ އިތުރުން އެ މީޑިއާއެއްގެ މަސްއޫލު ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، ހުކުމާއި އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ ފަރާތަކަށް ވާންޖެހޭނެ ކަމަށް އުޞޫލުަގައި ބަޔާން ކޮށްފައިވެއެވެ. މި އުޞޫލުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދޫކުރަނީ، މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ ނުހިމަނައި ބަޖެޓުގެ ރެވިނިއުގެ 0.1 ޕަސެޓަށްވާ ފައިސާއެވެ.

ބްރޯޑްކާސްޓް މީޑިއާ އަދި ޕްރިންޓާއި އޮންލައިން މީޑިއާ ނުވަތަ ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ހިންގާ މީޑިއާ ހިމެނޭހެން، އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގާނަމަ، ކޮންމެ ބާވަތަކުން 1 މީޑިއާއަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ހުށަހަޅާ ޕްރޮޕޯޒަލް އަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭ އިރު، ޕޮއިންޓް ލިބޭނެ ދާއިރާތަކާއި ކަންކަން އަދި ލިބޭނެ ޕޮއިންޓްގެ މިންވަރު ވެސް އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ. އަދި ބަޖެޓުން ކަނޑައަޅާ 27.9 މިލިއަން ރުފިޔާ ބެހިގެންދާ ގޮތުގެ ފޯމިއުލާ ވެސް ބުނެދީފައި ވެއެވެ.


މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާ ތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީ ވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤުސަދެކެވެ.

މިއީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާ ނިނަމަވާފައި ވާ ގޮތަށް، މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 10 ދުވަސް ކުރިންސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލާން ބާކީ 3 ދުވަސްޚަބަރު | 2 މަސް ކުރިންމަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމް އޮގަސްޓު މަހުޚަބަރު | 2 މަސް ކުރިންމުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަނީޚަބަރު | 3 މަސް ކުރިން