ރާއްޖޭގެ ޓޫރިޒަމްގެ އެއް ތަނބު އެމްޔޫ މަނިކު އަވަހާރަވެއްޖެ

30 އޯގަސްޓު 2025 - 02:31

ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނު ސިންގަޕޫރުގައި އަވަހާރަވެއްޖެއެވެ.
މަނިކު އަވަހާރަވީ ސިންގަޕޫރު ގަޑިން 6:30 ގައި، މައުންޓު އެލިޒަބަތު ހޮސްޕިޓަލުގައެވެ.

Ad by Hajj Corporation
އުމުރުފުޅުން 78 އަހަރުގައި މަނިކު އަވަހާރަވި އިރު، އަނބިކަނބަލަކާއި ދެ ދަރިކަލުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ އިސް ބާނީންގެ ތެރެއިން ބޭފުޅެކެވެ. 1971 ވަނަ އަހަރު އިޓަލީގެ ޓުއާ އޭޖެންޓް ޖޯޖް ކޯބިންއާ އެކު ރާއްޖެއަށް ފުރަތަމަ ޓޫރިސްޓުން ގެނައުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި 1972 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖް ތަރައްގީކުރުމުގައާއި، އެތަނުގެ ފުޑް އެންޑް ބެވަރޭޖް ޑިޕާޓްމަންޓް މެނޭޖުކުރެއްވުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 2011 ވަނަ އަހަރު ދިވެހި ދައުލަތުގެ އިއްޒަތުގެ ޝަރަފު އެމަނިކުފާނަށް އަރުވާފައެވެ. މީގެ އިތުރުން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.
އެމްޔޫ މަނިކުފާނަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ހިންގުންތެރިކަމާއި ވިސްނުންތެރިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތު މިއަދު މިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ހިސާބަށް ކުރިއަރާފައެވެ.
އޭނާއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ) ގެ މުއައްސިސެކެވެ. އަދި އޭގެ ޗެއަރމަންގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.