ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް ދެއްވާ އެއްބާރުލުމަށް ނައިވާދޫ ކައުންސިލްގެ ޝުކުރު
31 އޯގަސްޓު 2025 - 05:49

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އެއްބާރުލުމަށް ހދ. ނައިވާދޫ ކައުންސިލުން ޝުކުރު އަދާކޮށްފިއެވެ.
މެންދުރު ޓީވީގެ ރަށަށް ބާރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިވާދޫ ކައުންސިލުން ވަނީ ރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
" ހުއްޓިފައި ހުރި މަސައްކަތްތައްވެސް ފެށިގެން ދިއުމާއެކު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ރައީސް މުއިއްޒު ދެއްވާ އެހީތެރިކަން. ރައީސް ވީ ވައުދަކީ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާދެއްވާނެކަމަށް. އެ މަޝްރޫއަކީ ކުރީ ސަރުކާރުގައި އެދިގެންވެސް މިއަދާ ހަމައަށް ކުރިއަށް ނުގޮސް ހުއްޓިފައިވާ މަޝްރޫއެއް". ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުހައްމަދު
ނައިވާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެރަށު ބިން ހިއްކުމުގެ މަސައްކަތް އަވަށް ނިންމާލެވިގެންކަމަށްވާތީ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާދިނުމަކީ ރައްޔިތުންގެ އެދުމެއްކަމަށް ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވިއެވެ.
ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މަޑުނުޖެހި، ވަރަށް އަވަހަށް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިފަހުން އެ އަތޮޅަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ނަވާއިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީއާއެކު ސޮއިކޮށްފައިވާއިރު އާބާދީގައި 450 މީހުން ހިމެނޭ ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ހަތް ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 619 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 82.64 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ރައީސް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ނައިވާދޫއަށް ވި އެންމެ މުހިންމު ވައުދަކީ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކަމަށާއި، އެ މަޝްރޫއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން ރައްޔިތުން ބޭނުންވާ މުހިންމު ކަންކަން ފުރިހަމަކޮށްދިނުމަށް ފަހިވާނެ ކަމަށާއި، އެގޮތުން ގެދޮރު ބިނާކުރުމާއި އެކިއެކި ބޭނުންތަކަށް ބިން އިތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސް ވަނީ ނާވައިދޫގައި ފަށައިފައިވާ ނަމަވެސް މަޑު ޖެހިފައި ހުރި މަޝްރޫއުތައް ވެސް ހަލުވިކަމާއެކުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

-01.jpg&w=3840&q=75)
