އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑު: ފަސްޓްލޭޑީ
1 ސެޕްޓެމްބަރު 2025 - 04:07

ޢާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މާމައާއި ކާފައިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައެވެ.

Ad by Hajj Corporation
މުޖްތަމައު ބިނާކުރުމުގައި މާމައިންނާއި ކާފައިންގެ ދައުރު ފާހަގަކުރައްވައި ފަސްޓް ލޭޑީ ކުރެއްވި ޕޯސްޓު ނިންމަވާލައްވަމުން އެކަމަނާ ވަނީ، ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ދަންނަވާފައެވެ.
މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދުތަކުގެތެރޭގައި، ދަރިންނާ ޒުވާންޖީލުގެ ހިތްތަކުގައި އުމުރުން ދުވަސްވީ މީހުންނާމެދު ލޯތްބާއި އިޙްތިރާމު އުފައްދާ، އެމީހުން އަދާކުރަމުންދާ އަގުހުރި ދަޢުރު ބުނެދީ މާމަ ކާފައިންނާމެދު ލޯތްބާއި އާއިލާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މި ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފަވަނީ، 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މާމަ ކާފަ ދުވަސް ފާހަގަކުރަނީ، ޢާއިލާ ބިނާކުރުމާއި ދަރިން ތަރުބިއްޔަރުކުރުމުގައި ކާބަފައިންގެ ދަޢުރު ފާހަގަކޮށް، އެކަން ބަލައިގަނެ ޝުކުރުޢަދާކުރުމަށެވެ.
މާމަ ކާފައިންނަކީ، ރިވެތި އަޚްލާގު ބުނެދީ، އަޚްލާގު ރަނގަޅު ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމުގައިވެސް އެންމެ ބޮޑު ދަޢުރެއް އަދާކުރާ މީހުންނެވެ.