ފެންނަ ނުފެންނަ ވޯޓުގެ ބިލުގެ މަސައްކަތް ސިއްރު
2 ސެޕްޓެމްބަރު 2025 - 05:12

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލް ދިރާސާކުރާ، ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ފެށި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމެވެ.

Ad by Hajj Corporation
އެ ބިލްގެ ބައްދަލުވުން ފެށުމާ އެކު އެ ކޮމިޓީގެ ނައިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެ ހުށަހެޅުން އަގުލަބިއްޔަތުން ފާސްވީ ސިއްރު ކުރުމަށެވެ. އެހެންކަމުން ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށެވެ. މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ގާނޫނެއް ނެތެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ކަމަށާއި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ވެއެވެ. މީގެ އިތުރުން މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތާ، ރާއްޖޭގެ ސަރަހައްދު ބަދަލު ކުރަން ޖެހޭނެ ގޮތް ވެސް ވަނީ ބިލުގައި ހިމަނާފައެވެ.
މި ބިލުގައިވާގޮތުން ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާލަތުގައި ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ނިންމަވާ ހާލަތުގައި އެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މަޖިލީހަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަން ޤަރާރެއް ފާސްކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
މި ފަދަ ގަރާރެއް ނެރޭ އިރު، އެކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް އާންމު ކުރަން ވާނެކަމަށާއި އަދި އެ މައުލޫމާތު ކަރުދާހުގައި މައްސަލައާ އެއްކޮޅަށް އަދި ދެކޮޅަށް ހުރި ހުއްޖަތުތައް ހިމަނަންވާނެ ކަމަށް ބުނެފައިވެއެވެ. ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހާޅާ ތާރީހާއި އެ އިންތިހާބަކާ ދެމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހެ އެވެ. އަދި ގިނަވަގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެކަންވެސް ބިލުގައިވަނީ ބަޔާންކޮށްފައެވެ.
ރައްޔިތުންގެ ޚިޔާލު ހޯދަން ހުށަހަޅާ މައްސަލަތަކުގައި ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް ސަރުކާރުގެ ފަރާާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.