ރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ބޭނުން ނުކުރަން، ދެކެވެނީ ދޮގު ވާހަކަތަކެއް: މެމްބަރު އިބްރާހިމް މުޙައްމަދު
13 ސެޕްޓެމްބަރު 2025 - 05:50

މާލީ ބަޔާނުގައި ކްރެޑިޓް ކާޑެއް ކަމަށް ޖަހާފައި ވީނަމަ ވެސް، ބޭނުން ކުރައްވަނީ ރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު އިބްރާހިމް މުޙައްމަދު ގެންގުޅުއްވަނީ ޝަރީއާ ކޮމްޕްލަޔަންޓް ނޫން ބޭންކު އެކައުންޓަކާއި ކްރެޑިޓް ކާޑެއްކަން އޭނާގެ މާލީ ބަޔާނުން ހާމަވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ޚަބަރު ޝާއިއުކޮށްފައެވެ.

Ad by Hajj Corporation
މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ގެންގުޅުއްވަނީ އެންމެ ބޭންކު އެކައުންޓެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުންނަ ރުފިޔާ ސޭވިންގްސް އެކައުންޓެކެވެ. އެ އެކައުންޓުގައި 69،608.29 ރުފިޔާ އެބަ ހުއްޓެވެ. މާލީ ބަޔާނުން އެނގޭ ގޮތުގައި އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑެއް ވެސް ގެންގުޅުއްވަާ ކަމަށް ހާމަވެފައިވާ އިރު، އެއީ 140،000 ރުފިޔާގެ ލިމިޓެއް އޮންނަ ކާޑެކެވެ. އޭގެ ތެރެއިން 32،000 ރުފިޔާ އޭނާ ވަނީ ބޭނުން ކުރައްވައިފަ އެވެ.
ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މެމްބަރު އިބްރާހިމް މުޙައްމަދު "މެންދުރުޓީވީ' ޖަވާބުދާރީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މާލީ ބަޔާނުގައި ކްރެޑިޓް ކާޑެއް ކަމަށް ޖަހާ ވީ ނަމަވެސް އެއީ އިސްލާމިކް ކާޑެއް ކަމަށެވެ. އަދި އެ ކާޑަކީ "އެމްރިކަން އެކްސްފްރެސް ޕްލެޓިނަމް" ކާޑެއް ކަމަށެވެ. އަދި މެމްބަރު ވަނީ ބޭނުން ކުރަމުންދާ އެކައުންޓު މެންދުރުޓީވީ އާއި ހިއްސާކުރައްވާ ޓީވީގެ ބެލުންތެރިންނަ ވެސް އެކައުންޓާއި އެކައުންޓުގައިވާ ފައިސާ ދައްކާލާފައެވެ. މެމްބަރުގެ އެކައުންޓުގައި މިހާރު ހުރި ފައިސާގެ އަދަދަކީ 104،302.83 ރުފިޔާ އެވެ.
މާލީ ބަޔާނުގައި ރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ބޭނުން ނުކުރަން ބޭނުން ކުރަނީ "ބީއެމްއެލް އިސްލާމިކް އެކްސްޕްރެސް" ކާޑެއް. އަޅުގަނޑު ޓީވީ އަށް ވެސް ދައްކާލަން ބޭނުން ވޭ، ހުރިހާ ކަމަކީ މިހެން ދެއްކޭނެ ކަންކަންމެއް ވެސް ނޫން، އެހެން ނަމަވެސް މާލީ ބަޔާނުގައި ކްރެޑިޓް ކާޑެކޭ ޖަހާފައި އޮތީމަ ހީފުޅުކުރައްވާގެން ނުވާނެ އެއްވެސް ބަޔަކު އެއީ ރިބާ އެކުލެވޭ ކްރެޑިޓް ކާޑެ ކޭ، އެ ކާޑަކީ އިސްލާމިކް ކާޑެއް، އަޅުނގަޑަށް ހީވަނީ މާލީ ބަޔާނުން އެތަން ރަނގަޅު ކޮށް މާލީ ބަޔާނަށް އިސްލާހެއް ގެންނަށް، އެއީ އަތުން ދޫވެފައި އިން ތަންކޮޅެއް ކަމަށް އަޅުގަނޑު ދެކެނީ. ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު
މެމްބަރު ވިދާޅުވީ މާލީ ބަޔާނުން ކްރެޑިޓް ކާޑެއް ކަމަށް ލިޔެފައިވާ ލިޔުން ރަނގަޅުކޮށް، އިސްލާމިކް ކްރެޑިޓް ކާޑެއް ކަމަށް އިސްލާހު ކުރުމުން މާލީ ބަޔާން ރަނގަޅުވާނެ ކަމަށެއެވެ.