logo
ޚަބަރު

މީޑިއާ ބިލުގެ އެނަލަސިސްއަކާއި ނިޒާމުގެ ރިވިއުއެއް ހަދަން 4 މަސް ދޭން އެދެފި

އާމިނަތު ޝަފާ
2 ސެޕްޓެމްބަރު 2025 - 06:37
ނޫސްވެރިން މަޖިލީހުގައި
ނޫސްވެރިން މަޖިލީހުގައި

ނޫސްވެރިންގެ ކަންބޮޑުވުން އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލުގެ އެނަލަސިސްއަކާއި ނިޒާމުގެ ރިވިއުއެއް ހަދަން 4 މަސް ދިނުމަށް ނޫސްވެރިންގެ ޖަމިއްޔާ - އެމްޖޭއޭ އިން އެދެފިއެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީއަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން އެމްޖޭއޭއިން ބުނެފައިވަނީ އަވަސްއަރުވާލައިގެން ބިލު ފާސްކުރަންޖެހޭ ސަބަބެއްނެތްކަމަށާއި މިހާރު އޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމާއިއެކު ބިލުގެ އެނަލަސިސްއެއް ހެދުމަށް 4 މަސްދުވަސް ދިނުމަށް އެދިފައިވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލު މަޖިލީހަށް ބަލައިގަންނަން އަދި ގުޅުންހުރި ކޮމިޓީއަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 61 މެމްބަރުންގެ ތެރެއިން 49 މެމްބަރުންގެ ވޯޓުން ވަނީ ނިންމަވާފައެވެ.

ނަމަވެސް މި ބިލާ މެދު ގިނަ ނޫސްވެރިންގެ ކަންބޮޑުވުން އޮތުމާއެކު ބިލާ މެދު އާއްމުންގެ ހިޔާލު ހޯދުމަށާއި ގުޅުންހުރި އިދާރާތަކާއި، ވުޒާރާތަކުގެ ވެރިން އަދި ނޫސް މަޖައްލާތަކާ އެކު ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ބިލު ޤާނޫނަކަށްވުމާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ގާނޫނާއެކު މިހާރު އަމަލުކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު އުވާލެވި، ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވާލެވޭނެއެވެ. އަދި މި ގާނޫނުތަކުގެ ދަށުން މިހާރު އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންވެސް އުވިގެންދާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.


މި ޤާނޫނު ވުޖޫދުވުމާއެކު އެކުލަވާލާ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސް، މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންޖެހޭގޮތަށް ބިލުގައި ބަޔާންކޮށްފައިވާއިރު ނައިބު ރައީސް އައްޔަން ކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި މިހެން ބަޔާންކޮށްފައިވީ ނަމަވެސް، މީޑިއާ ކޮންޓްރޯލް ކުރުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވާކަމަށާއި އެއީ އެއްވެސް އިރަކު އެމަނިކުފާނު ނުކުރައްވާނެ ކަމެއްކަމަށް ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެ ބިލް އެކުލަވައިލަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ރައީސްގެ އެއްވެސް ކޮންޓްރޯލެއް ނޯންނާނެ ގޮތަކަށް ބިލު އިސްލާހުކުރަން، ސަރުކާރު މެމްބަރުންނަށް ދަންނަވާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


މީގެ އިތުރުން ނޫސް މަޖައްލާއެއް ތަކުރާރުކޮށް ސުލޫކީ މިންގަނޑާ ހިލާފުވާނަމަ 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ މައްސަލަ ނިމެންދެން ވަގުތީގޮތުން ރަޖިސްޓްރީ ބާތިލުކުމާއި ތަކުރާރުކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ދިއުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

ކޮމިޝަނުން ކަމެއް އިސްލާހުކުރުމަށް އަންގާ މުއްދަތުގެ ތެރޭގައި އެކަމެއް އިސްލާހުނުކޮށްފިނަމަ 5000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | 41 މިނިޓު ކުރިންމާލީ ބަޔާން ހުށަނާޅާ މެމްބަރުންނަށް ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅާނަން: މަޖިލިސްޚަބަރު | 2 ގަޑިއިރު ކުރިންޝަމްހީދަށް ހަދިޔާގެ ގޮތުގައި އަހަރެއްގެ ތެރޭ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާޚަބަރު | 20 ގަޑިއިރު ކުރިންރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފި ޚަބަރު | 21 ގަޑިއިރު ކުރިން