ސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙް
4 ސެޕްޓެމްބަރު 2025 - 08:56

ރާއްޖޭގައި ސުލްޙައަށް ލޯބިކޮށް، ހަގީގަތާ އެއްގޮތަށް ޚަބަރު ގެނެސްދީގެން ރައްޔިތުންގެ އިތުބާރު ހޯދާފައި ވަނީ ހަތަރު ނޫހަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙީމް ފަލާޙް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ވިދާޅުވީ، ސުލްޙައަށް ލޯބިކޮށް، ތެދު ޚަބަރާއި މަޢުލޫމާތު ހަޤީޤަތާ އެއްގޮތަށް ގެނެސްދީ،
ރައްޔިތުންގެ އިތުބާރު ލިބިފައިވަނީ 4 ނޫހަކަށް ކަމަށެވެ. އެއީ ކޮން ނޫސްތަކެއް ކަމެއް ފަލާޙް ވިދާޅުވެފައެއް ނުވެއެވެ.
ކުޑަކުޑަ ޤަޢުމެއްގައި އެއްވެސް ބަލާލުމެއްނެތި ކަމެއް ސާފުނުކޮށް، ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ކިހާ ނުބައި ކަމެއްކަން ފަލާޙް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި، ކުށެއްނެތް އާއިލާތައް ރޫޅި، ކުށެއްނެތް އެތައްބައެއްގެ ވަޒީފާގެއްލޭކަމަށް ފަލާޙް ވިދާޅުވިއެވެ.
މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއްކަން ފަލާހް ފާހަގަކުރެއްވިއެވެ.
ހުށަހަޅާފައިވާ މިޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާމެދު ނޫސްވެރިން ނުރުހެނީ، ފައިސާކޮޅެއްދޭ އިރައް ފައިސާދޭމީހާ ބުނާހާގޮތަކަށް ދޮގު ޚަބަރު ނުލިއެވިދާނެތީތޯ ފަލާޙް އެއްސެވިއެވެ.
އެގޮތަށް ކަންކޮށްގެން ހޯދާ ފައިސާ ހަލާލުވާނެތޯ އައްސަވައި ފަލާޙް ވަނީ، މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ ވާނެތޯ ވެސް އައްސަވާފައެވެ.
ފަލާޙް މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާތީ އެކަމާ ގުޅޭ ޚަބަރުތައް އަންނަނީ ޝާއިއުކުރަމުންނެވެ. އެ މެމްބަރުންގެ ޚަބަރުތައް ޝާއިއުކުރާތީ، ބައެއް މެމްބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.