ޝަމްހީދަށް ހަދިޔާގެ ގޮތުގައި އަހަރެއްގެ ތެރޭ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ
3 ސެޕްޓެމްބަރު 2025 - 13:33

ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދަށް ހަދިޔާގެ ގޮތުގައި އަހަރެއްގެ ތެރޭ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނު ކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
މެމްބަރު ޝަމްހީދު މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައި ވަނީ ހެޔޮ އެދޭ މީހުންގެ ފަރާތުން ލިބިފައިވާ މުދަލާއި ފައިސާއާއި އެކި ފަރާތްތަކުން އޭނާ ބޭނުންކުރުމަށް 43،000 ޑޮލަރު އަދި 880،000 ރުފިޔާއާއެކު، ޖުމަލް 1،543،060 (އެއް މިލިއަން ފަސް ލައްކަ ސާޅީސް ތިން ހާސް ފަސްދޮޅަސް) ރުފިޔާ ލިބިފައިވާކަމަށެވެ.

Ad by Hajj Corporation
މެމްބަރު ޝަމްހީދުގެ މާލީ ބަޔާނުގައިވާގޮތުން މަޖިލީހުގެ މެމްބަރުކަމުން އޭނާއަށް ލިބެނީ 8،61،218 ރުފިޔާއެވެ. ވިޔަފާރީގެ ނަފާގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވައެވެ.
މާލީ ބަޔާނުން އެނގޭ ގޮތުގައި މެމްބަރު ޝަމްހީދުގެ ބޭންކު އެކައުންޓުގައި ހުރީ 114،062 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން ހުށަހަޅަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިހާރުގެ މެންބަރުން ބަޔާން ހުށަހަޅަން ޖެހެ އެވެ.
މެމްބަރުންގެ މާލީ ބަޔާންތަކުން ބޮޑެތި ލޯނުތަކާއި ކްރެޑިޓް ކާޑު ދަރަނިތައް ހުރިއިރު ބައެއް މެމްބަރުންނަށް އެތައް މިލިއަނަކުން ފައިސާ ލިބިފައިވެއެވެ. ނަމަވެސް އެއީ ހެޔޮއެދޭ ފަރާތްތަކުން ދީފައިވާ ހަދިޔާ ކަމަށް މާލީ ބަޔާންތަކުގައި ބުނެފައިވެ އެވެ.