ޑްރަގް ވިޔަފާރީގައި އުޅޭ ދެ މީހަކު ޑްރަގާއި ފައިސާއާއިއެކު ހައްޔަރުކޮށްފި

4 ސެޕްޓެމްބަރު 2025 - 08:13

މާލެ ސިޓީގެ މާފަންނު ގެއަކުން މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation
ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުތަކަށް ބަލާއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މި ހާއްސަ އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގައި މާފަންނު ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 304.73 ގުރާމްގެ ތަކެއްޗާއި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41,500 އަށްވުރެ ގިނަ ރުފިޔާ ވަނީ އެގޭތެރެއިން ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ފުރަތަމަ ތިން މީހަކު ހައްޔަރުކުރެވުނު ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ.
ކޯޓުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަޙްނަފް އަޝްރަފް (27އ) އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.