އޮޓޮޕްސީ ހެދުމަށް ފަހު އަދީލް ވަޅުލާއިފި
5 ސެޕްޓެމްބަރު 2025 - 11:56

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަރުވި 21 އަހަރުގެ ޒުވާނާގެ އޮޓޮޕްސީ ހަދައި ރޭ ފަތިހު ވަޅުލައިފި އެވެ.
ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ މައްސަލަ ފުލުހަށް ރިޕޯޓް ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އޮޓޮޕްސީ ހެދުމާއި ހަމައަށް ޒުވާނާގެ ހަށިގަނޑު އޮތީ މޯޗަރީގަ އެވެ. ޒުވާނާގެ ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް މޯޗަރީގައި ބާއްވާތީ އެކަމާ އާއިލާ އިން ކަންބޮޑުވުން ފާޅުކުރި އެވެ.

Ad by Hajj Corporation
ނަމަވެސް މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ތަހުގީގު ޓީމުން ނިންމުމުން ޒުވާނާގެ ހަށިގަނޑު ބޭރަށް ފޮނުވާ އޮޓޮޕްސީ ވަނީ ހަދާފަ އެވެ.
އައިލާއިން އޮޓޮޕްސީ ހެދުމަށް ދެކޮޅު ހެދި ނަމަވެސް ފުލުހުން އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިޔައީ މި މަހުގެ ދެ ވަނަ ދުވަހެވެ.
ރިސޯޓެއްގައި ނިޔާވީ ކ. ގުރައިދޫ ތަނޑިރަތްމާގެ އަދީލް އަހްމަދު އެވެ. އަދީލްގެ މައްޗަށް ކަށުނަމާދުކޮށް ރޭ ފަތިސް ނަމާދަށް ފަހު ވަނީ ވަޅުލާފަ އެވެ.