logo
ކުޅިވަރު

ހަތް އަހަރަށްފަހު ނިއު ފުރަތަމަ ޑިވިޝަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިފި

ޢައްފާން މުޙައްމަދު
4 ސެޕްޓެމްބަރު 2025 - 13:59
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން- ފޮޓޯ/ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން- ފޮޓޯ/ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތް، ފުރަތަމަ ޑިވިޝަނަށް ތައްޔާރުވާން ފަރިތަކުރުން ފަށައިފިއެވެ.

"ބޭއިންސާފުން، އުސޫލުން ބޭރުން" އޭރުގެ އެފްއޭއެމް އިން ނިއުރޭޑިއަންޓް ރަސްމީކޮށް ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ސަސްޕެންޑުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ތިން އަހަރާއި ފަސް މަހާއި ހަތަރު ދުވަސް ފަހުން، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމް އިން ނިންމި ނިންމުމާއެކު، ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓުން ވާދަކޮށްފައިވެއެވެ.

ހަތް އަހަރަށްފަހު ނިއުރޭޑިއަންޓުން އެނބުރި ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ލިބުނު ފުރުސަތުގައި އެ ޓީމުން ރަސްމީކޮށް ފަރިތަކުރުންތައް ފެށީ މިއަދުއެވެ.

IMG_5283.JPG

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން- ފޮޓޯ/ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ

 

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު، އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން، މާފަންނު ޓާފް ދަނޑުގައި މިއަދު ފަރިތަކުރުންތައް ބާއްވާފައި ވަނީ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން ގައުމީ ސްކޮޑުގައި ހިމެނޭ މުޙައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ރާއިފް އަޙްމަދު (ހަންނަ) އަދި 20 އަހަރުގެ ޒުވާން ޑިފެންޑަރު ހަސަން ރާއިދު މިވަގުތު ހުރީ ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ 2 ދެމެޗަށް، އެ ގައުމަށް ގޮހެވެ. މީގެއިތުރުން އަލީ އަޝްފާޤް (ދަގަނޑޭ) އާއި ސްކޮޑުގައި ހިމެނޭ ބިދޭސީ ދެ ކުޅުންތެރިއަކު ވެސް މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ސްކޮޑުގައި ހިމެނޭ މި ބިދޭސީ މި ދެ ކުޅުންތެރިން ރާއްޖެ އައިސްފައިވަނީ މިއަދުއެވެ.

ފަރިތަކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިއުރޭޑިއަންޓުގެ ކޯޗު ވިދާޅުވީ، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ޓީމުގެ ސްކޮޑު ހަމަވެ، ސީޒަނަށް ފުރިހަމައަށް ތައްޔާރުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ނިއުރޭޑިއަންޓަށް ފަސްޓް ޑިވިޝަނުގެ ޖާގައެއް މި ލިބުނީ ތަންކޮޅެއް ފަހުން. އެހެންވީމަ ކުޅުންތެރިން ހޯދުމުގައި ކުދިކުދި ދަތިތަކެއް އެބަހުރި. އެކަމަކު ކުޅުންތެރިންނާއެކު އަންޑަސްޓޭންޑިންގް އެގްރިމަންޓުތަކެއް ހެދި، 25 ކުޅުންތެރިންގެ ސްކޮޑެއް ހަމަވާނެ ކުރިއަށް އޮތް ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ތެރޭ. ނެޝަނަލް ޓީމުގައި ތިބި ކުޅުންތެރިންނާއެކު، އެހެންވީމަ ބޭރު ހަތަރު ޕްލެޔަރުންނާއެކު، ސެވަން ޑޭޒް ތެރޭ، މިހާރު ދެ ކުޅުންތެރިން އައިސް އެބަތިބި. އަނެއް ދެކުޅުންތެރިން ހަތް ދުވަސް ތެރޭ ޖޮއިން ކުރާނެ. އެހެންވީމަ ޖުމްލަކޮށް 25 ކުޅުންތެރިންނާއެކު ކުރިއަށްދާނީ ޖެނުއަރީ ޓްރާންސްފަރ އާ ހަމައަށް". - ނިއުރޭޑިއަންޓުގެ ކޯޗު އަލީ ސުޒެއިން

ޓީމަށް ހުރި ގޮންޖެހުންތަކާއެކު ވެސް، ނިއުއިން އައު ސީޒަނާ ކުރިމަތިލާނީ ވަރަށް ބޮޑަށް ތައްޔާރުވެ، ސަޕޯޓަރުން ބޭނުންވާފަދަ ނަތީޖާއެއް ނެރުމަށްކަމަށް ވެސް ސުޒެއިން ވިދާޅުވިއެވެ.

"ފުރަތަމަ ކޮޅުގައި ކުޑަކޮށް އުނދަގޫތަކެއް ހުރެދާނެ. އޭގެ މާނައަކީ މެޗުތަކެއް ގެއްލޭނެ ވާހަކައެއް ނޫން. ތަންކޮޅެއް ޓަފް ޗެލެންޖަކަށް ކުޅުންތެރިންނަށް ވާނެ. އެއީ، މިހާ ކުޑަ ދުވަސްކޮޅެއްގައި ޕްރެކްޓިސް ކޮށްލާފަ އެހެން ޓީމުތައް ތަންކޮޅެއް ކުރިން ފަށައިފި. އެހެންވީމަ އެ މީހުންނަށް އެޑްވާންޓޭޗްތަކެއް ހުންނާނެ. އެކަމު އިރާދަކުރެއްވިއްޔާ މެޗުން އެ އެޑްވާންޓޭޖްތަކެއް ނާންނާނެ ގޮތަކަށް އަޅުގަނޑުމެން ގާތްގަނޑަކަށް މިއޮށް 10 ވަރަކަށް ދުވަސްތެރޭގައި ޓީމު ބައްޓަންކޮށްލާނަން". - ނިއުރޭޑިއަންޓުގެ ކޯޗު އަލީ ސުޒެއިން

ސުޒެއިން އިތުރަށް ވިދާޅުވީ، ތައްޔާރުވާން ކުރު މުއްދަތެއް ލިބުނު ނަމަވެސް، ކުޅުންތެރިންގެ އިންޑިވިޖުއަލް ފިޓްނަސްއަށް ބަލާއިރު، ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް މި ފަހަކާ ޖެހެންދެން ވެސް ވަރަށް ފިޓުކޮށް ތިބި ކުޅުންތެރިންކަމުން، އެ ފިޓްނަސް މެއިންޓެއިންކޮށް،ޓީމުތަކާ ދެކޮޅަށް ނުކުންނަން މާބޮޑު ޗެލެންޖަކަށް ނުވާނެ ކަމަށެވެ. އަދި ޓީމުގެ ގޯލު ބަލަހައްޓާނީ, މީގެކުރިން ރާއްޖޭގެ އެކި ކުލަބުތަކުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޕާކިސްތާނުގެ ކީޕަރު ސާޤިބް ހަނީފް ކަން ހޯޗު ހާމަކުރެއްވިއެވެ.

IMG_5285.JPG

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން- ފޮޓޯ/ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ

 

"މި ކުޅުންތެރިންނަކީ ފިޓުކޮށް ތިބި، އެކްޓިވްކޮށް އުޅުނު ކުޅުންތެރިންނަށް ވާތީ ރަނގަޅު ޓީމެއް، އެ އޮތް މުއްދަތަށް ނެރެވޭނެކަމަށް ގަބޫލުކުރެވެނީ. ކޮންމެ ގޮތެއް ވިޔަސް ގައުމީ ޓީމުގައި އެ ދިޔަ ކުޅުންތެރިން އެތިބީ ވަރަށް ފިޓުކޮށް. ދެން އަންނަ ބޭރު ކުޅުންތެރިން ވެސް އެހަކަށް ދުވަހާ ޖެހެންދެން ހަމަ ޓްރެއިނިންގައި އުޅެފަ އެއައީ. އެހެންވީމަ އެ ކުޅުންތެރިން ވެސް ތިބޭނީ ފިޓުކޮށް. ދެން ހަމަ ގޯލް ކީޕަރަކަށް މި އަންނަނީ ރާއްޖޭގައި ގިނަ ދުވަހު އެކި ޓީމުތަކަށް ލީގު ކުޅެފަ ހުރި ކުޅުންތެރިއެއް، ސާޤިބް. އެހެންވީމަ އޭނައަށް ވެސް ތަންކޮޅެއް ފަސޭހަވާނެ މަސައްކަތްކޮށްލަން. އެހެންވީމަ އެ އެޑްވާންޓޭޖް ނިއުރޭޑިއަންޓަށް އޮންނާނެ. އެ މުއްދަތަށް ދާއިރުގައި ހުރިހާ ކަމެއް ސެޓުވެގެން އަންނާނެ އިރާދަކުރެއްވިއްޔާ". ނިއުރޭޑިއަންޓުގެ ކޯޗު އަލީ ސުޒެއިން

ނިއުރޭޑިއަންޓުން އަލުން ފުރަތަމަ ޑިވިޝަނުގެ ފަރިތަކުރުންތައް ފެށިއިރު، ފަރިތަކުރުންތައް ބައްލަވާލެއްވުމަށް އެ ކުލަބުގެ ޗެއާމަން، އަޙްމަދު މުބީން ވެސް ވަޑައިގެންނެވިއެވެ. ޓީމާ މެދު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން މުބީން ވަނީ މެންދުރު ޓީވީއާ ވާހަކަފުޅުދައްކަވާފައެވެ.

IMG_5286.JPG

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން- ފޮޓޯ/ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ

 

"މިއަދު ފުރަތަމަ ޕްރެކްޓިސް ކުރިއަށް މިދަނީ. ދާއިރުގައި، އަދިވެސް އަޅުގަނޑުމެން މިއުޅެނީ އެކިއެކި ދިމާލުގައި މިވަގުތު ޓީމުތަކުގެ ކޮންޓްރެކްޓުގައި ނެތް ޕްލެޔަރުންތާ އަޅުގަނޑުމެންނަށް ހޯދޭނީ. އެހެންވީމަ އެ މަސައްކަތް މިދިޔަ ދުވަސްތަކުގައި ވެސް އަޅުގަނޑުމެން ކުރަމުން މިދިޔައީ. މިހާރު ވެސް ތިބި ޕްލެޔަރުންނަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ރަނގަޅު ސްކޮޑެއް، ކުރިއަށް މިއޮތް ލީގުގައި ވާދަކުރެވޭވަރު ކުރެވޭނެ. އަޅުގަނޑުމެންނަށް ލިބިފަ މިހުރީ ވަރަށް އިތުބާރު ކޯޗެއް. އެހެންވީމަ މުޅި މެނޭޖްމަންޓާއި ކޯޗިން ސްޓާފުންނާ ގުޅިގެން އިރާދަކުރެއްވިއްޔާ ސަޕޯޓަރުން ހިތްހަމަޖެހޭވަރުގެ ޓީމެއް ނެރެވޭނެކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ". - ނިއުރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީން

ފުރަތަމަ ޑިވިޝަނަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓުން ފަރިތަކުރުންތައް ފަށާފައިވާއިރު، ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ ޓީމުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން އެފްއޭއެމް ހިންގާ ކޮމިޓީން ނިންމާފައި ވަނީ ނިމިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

ނިއު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން ނިންމާފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން އެފްއޭއެމްއަށް އެންގުމާ ގުޅިގެން ހުސްވި ޖާގައަށެވެ. އެފްއޭއެމް އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމަށް އެންމެ ފަހުން ދެވަނަ ޑިވިޝަނުގައި ސެމީ ކުޅުނު ނިއު އާއި ޓެންޓް ސްޕޯޓްސް އިން މުޅި މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ސްޕޯޓިން ކްރައިޓީރިއާ އިން ވެސް ޔަގީންކުރުމަށް ފަހު، ކަނޑައެޅިފައިވަނީ ތިން ވަނަ ޓީމަކީ ނިއު ކަމަށެވެ. ނިއުއިން ސެމީއިން އެފަހަރު ބަލިވެފައިވަނީ 2-0 އިންނެވެ. އަދި ޓެންޓް ސްޕޯޓްސް ކުލަބު ސެމީއިން ބަލިވީ 5-1 އިންނެވެ. މީގެ އިތުރުންވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓެންޓާއި ނިއު ވާދަކުރި މެޗު ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އަދި ޓެންޓް އާއި އެއް ގްރޫޕެއްގައި އޮވެ، ގްރޫޕްގައި ކުރީ ހޯދީވެސް ނިއުރޭޑިއަންޓުންނެވެ. މިހުރިހާ ކަމަކަށް ބަލައި އެފްއޭއެމް އިން ނިންމާފައިވަނީ ދެވަނަ ޑިވިޝަނުގެ ތިންވަނައަށް އެންމެ ރަނގަޅު ޓީމަކީ ނިއުރޭޑިއަންޓް ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ބިޔަބޮޑު ލަސްކަރާއެކު ބްރެޒިލް ސަމްބާގެ ޖާދު ގަލޮޅުދަނޑަށްކުޅިވަރު | 13 ގަޑިއިރު ކުރިންނިއުގެ ގޯލު ބަލަހައްޓަން ޕާކިސްތާނުގެ ޞާޤިބް، ޑިފެންޑަރަކަށް އުޒްބެކިސްތާނުގެ ޚަސަންބޮއޭވްކުޅިވަރު | 2 ދުވަސް ކުރިންއަލިފުށި ފުޓުބޯޅައިގެ ރަސްގެފާނު ހުޝާމް އާއެކު ބޭލް އަދި މުސީ ވެސް ނިއުރޭޑިއަންޓަށް ކުޅިވަރު | 3 ދުވަސް ކުރިންހަތް އަހަރަށްފަހު ނިއު ފުރަތަމަ ޑިވިޝަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 3 ދުވަސް ކުރިން