އަލިފުށި ފުޓުބޯޅައިގެ ރަސްގެފާނު ހުޝާމް އާއެކު ބޭލް އަދި މުސީ ވެސް ނިއުރޭޑިއަންޓަށް
5 ސެޕްޓެމްބަރު 2025 - 04:17
.png&w=3840&q=75)
އަލިފުށި ފުޓުބޯޅައިގެ ރަސްގެފާނު އަހުމަދު ހުޝާމްގެ ސޮއި ނިއުރޭޑިއަންޓުން ހޯދައިފިއެވެ.
ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތް، ފުރަތަމަ ޑިވިޝަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށާފައި ނިއުގެ ސްކޮޑާ ހުޝާމް ގުޅުކަން ހާމަކޮށް އެޓީމުންވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

Ad by Hajj Corporation
ހުޝާމްގެ އިތުރުން ގދ. ވާދޫގެ ހުނަރުވެރި ކުޅުންތެރިޔާ މުސައްނިފް މުހައްމަދު (މުސީ)ވެސް ވަނީ ނިއު އާ ގުޅިފައެވެ. ނިއު އިން ބުނީ މުސީ ކުލަބާ ގުޅުމަކީ ކުލަބުގެ ސްކޮޑަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ.
މީގެއިތުރުން މުޙައްމަދު ޝަޚާއު ނުވަތަ މަޝްހޫރު ނަމުންނަމަ ބޭލް ވެސް ކުރިޔަށް އޮތް ސީޒަނަށް ނިއުރޭޑިއަންޓާ ގުޅުމަށް އެއްބަސްވެފައިވާކަން ނިއުރޭޑިއަންޑުން ވަނީ ހާމްކޮށްފައެވެ.
7 އަހަރަށްފަހު ނިއުރޭޑިއަންޓުން އެނބުރި ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ލިބުނު ފުރުސަތުގައި އެ ޓީމުން ރަސްމީކޮށް ފަރިތަކުރުންތައް ފެށީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު، އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުންނެވެ. ނިއުގެ ސްކޮޑަކީ ތަޖުރިބާކާރު ގިނަ ކުޅުންތެރިން ހިމެނޭ ވަރުގަދަ ސްކޮޑެކެވެ.
ފުރަތަމަ ޑިވިޝަނަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓުން ފަރިތަކުރުންތައް ފަށާފައިވާއިރު، ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ ޓީމުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން އެފްއޭއެމް ހިންގާ ކޮމިޓީން ނިންމާފައި ވަނީ ނިމިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.
ނިއު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން ނިންމާފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން އެފްއޭއެމްއަށް އެންގުމާ ގުޅިގެން ހުސްވި ޖާގައަށެވެ. އެފްއޭއެމް އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމަށް އެންމެ ފަހުން ދެވަނަ ޑިވިޝަނުގައި ސެމީ ކުޅުނު ނިއު އާއި ޓެންޓް ސްޕޯޓްސް އިން މުޅި މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ސްޕޯޓިން ކްރައިޓީރިއާ އިން ވެސް ޔަގީންކުރުމަށް ފަހު، ކަނޑައެޅިފައިވަނީ ތިން ވަނަ ޓީމަކީ ނިއު ކަމަށެވެ. ނިއުއިން ސެމީއިން އެފަހަރު ބަލިވެފައިވަނީ 2-0 އިންނެވެ. އަދި ޓެންޓް ސްޕޯޓްސް ކުލަބު ސެމީއިން ބަލިވީ 5-1 އިންނެވެ. މީގެ އިތުރުންވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓެންޓާއި ނިއު ވާދަކުރި މެޗު ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އަދި ޓެންޓް އާއި އެއް ގްރޫޕެއްގައި އޮވެ، ގްރޫޕްގައި ކުރީ ހޯދީވެސް ނިއުރޭޑިއަންޓުންނެވެ. މިހުރިހާ ކަމަކަށް ބަލައި އެފްއޭއެމް އިން ނިންމާފައިވަނީ ދެވަނަ ޑިވިޝަނުގެ ތިންވަނައަށް އެންމެ ރަނގަޅު ޓީމަކީ ނިއުރޭޑިއަންޓް ކަމެވެ.