ނިއުގެ ގޯލު ބަލަހައްޓަން ޕާކިސްތާނުގެ ޞާޤިބް، ޑިފެންޑަރަކަށް އުޒްބެކިސްތާނުގެ ޚަސަންބޮއޭވް
6 ސެޕްޓެމްބަރު 2025 - 06:27

އަހަރުތަކަކަށްފަހު ފުރަތަމަ ޑިވިޝަން ފުޓުބޯޅައިގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެ ކުލަބުގެ ސްކޮޑު ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ބިދޭސީ ދެ ކުޅުންތެރިއަކު ގެނެސްފިފައެވެ.
އެގޮތުން ކުރިއަށް އޮތް ސީޒަނުގައި ނިއުރޭޑިއަންޓުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާނީ، މީގެކުރިން ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އެކި ކުލަބުތަކަށް ކުޅެ، ދިވެހި ފުޓުބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ޕާސިސްތާނުގެ ގޯލްކީޕަރު ޞާޤިބް ޙަނީފްއެވެ.

Ad by Hajj Corporation
ސާޤިބް އަކީ 2016 ވަނަ އަހަރު ބީޖީ ސްޕޯޓްސް ކުލަބުން ދިވެހި ފުޓުބޯޅައިގެ ތެރެއަށް ވަތް ކުޅުންތެރިއެކެވެ. އެއާއެކު ސާޤިބް ވެގެންދިޔައީ ގައުމުން ބޭރު ޓީމަކަށް ކުޅުނު ޕާކިސްތާނުގެ ފުރަތަމަ ފުޓުބޯޅަ ކުޅުންތެރިޔާ އަށެވެ.
ސާޤިބް ވަނީ 2018 ވަނަ އަހަރު މާޅޮސް އެފްސީއަށް އަދި 2019 ވަނަ އަހަރު ފޯކައިދޫ އެފްސީއަށް ވެސް ކުޅެފައެވެ. އެއަށްފަހު އޭނާ ޓީސީގެ ގޯލު ބަލަހައްޓާފައިވާއިރު، 2020 ވަނަ އަހަރުގެ ކުރީކޮޅު، އޭއެފްސީ ކަޕުގައި ވެސް ޓީސީގެ ގޯލު ކީޕަރެއްގެ ގޮތުގައި ސާޤިބް ފެނިގެންދިޔައެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސާޤިބް ވަނީ ކްލަބް ގްރީން ސްޓްރީޓްސްއަށް ވެސް ކުޅެފައެވެ. އަދި 2023 ވަނަ އަހަރު، ވިކްޓްރީގެ ގޯލު ބެލެހެއްޓުމުގައި ވެސް ސާޤިބް ފެނިގެންދިޔައެވެ.
ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ސްކޮޑަށް، އުޒްބެކިސްތާނުގެ ޑިފެންޑަރެއް ވެސް އިތުރުކޮށްފައެވެ. އެގޮތުން އެ ޓީމާ ގުޅިފައިވަނީ ފުރްކަޖޯން ޚަސަންބޮއޭވް އެވެ. ޚަސަންބޮއޭވް އަކީ އުޒްބެކިސްތާނުގެ ޓީމުތަކުގެ އިތުރުން ތަޖިކިސްތާނާއި ބަންގްލަދޭޝްގައި ވެސް ކުޅެފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އަދި ރާއްޖޭގެ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ވެސް އޭނާ ކުޅެފައިވެއެވެ.
މި ދެ ކުޅުންތެރިން ވެސް ވަނީ މިހާރު ރާއްޖެ އައިސްފައެވެ.
އަައު ސީޒަނަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ނިއުއިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ދެ ބިދޭސީ ކުޅުންތެރިއަކު ގެނައުމަށް ވެސް ހަމަޖެހިފައިވެއެވެ. އެގޮތުން އެ ޓީމާ ގުޅޭނީ ފުޓުބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ދެ ގައުމަކަށް ނިސްބަތްވާ ދެ ކުޅުންތެރިންކަން، "މެންދުރު ޓީވީ" އާ ވާހަކަދެއްކެވި ނިއުގެ ޗެއާމަން އަދި ކޯޗު ވެސް ހާމަކުރައްވާފައިވެއެވެ. ކުރިއަށް އޮތް ހަފްތާއެއްހައި ދުވަސް ތެރޭގައި އެ ދެ ކުޅުންތެރިން ވެސް ރާއްޖެ އައިސް، ޓީމުގެ ފަރިތަކުރުންތަކާ ގުޅޭނެކަމަށް ޗެއާމަން އަޙްމަދު މުބީން ވިދާޅުވެފައިވެއެވެ.
ބިދޭސީ ކުޅުންތެރިންގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ އެންމެ ފާޙަގަކޮށްލެވޭ ބައެއް ކުޅުންތެރިން ވެސް އައު ސީޒަނުގައި ނިއުގެ ޖާޒީގައި ފެންނާނެއެވެ. އެގޮތުން ދިވެހި ފުޓުބޯޅަ ދުށް އެންމެ ޝަރަފުވެރި، އެންމެ ފަހުރުވެރި އެއް ނަން ކަމަށްވާ އަލީ އަޝްފާޤް ދަގަނޑޭއާއި އެތައް ބައެއްގެ ސަޕޯޓާއި ލޯބި ލިބިފައިވާ އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ނިއުއާ ގުޅިފައެވެ.
މީގެއިތުރުން، ގައުމީ ސްކޮޑުގައި ހިމެނޭ މުޙައްމަދު އިރުފާން (އިރޭ)، ހަސަން ރާއިފް އަޙްމަދު (ހަންނަ) އަދި 20 އަހަރުގެ ޒުވާން ޑިފެންޑަރު ހަސަން ރާއިދުގެ ސޮއި ވެސް ނިއުއިން ވަނީ ހޯދާފައެވެ.
ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ފެނިގެންދާނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އެވެ.