އެންމެ ބިޔަބޮޑު ލަސްކަރާއެކު ބްރެޒިލްގެ ސަމްބާ ޖާދޫ ގަލޮޅުދަނޑަށް
7 ސެޕްޓެމްބަރު 2025 - 10:02

ދިވެހި ފުޓްބޯޅަ ސީޒަން ފެށެން ކައިރިވެ، ޓްރާންސްފާރ މާކެޓްގައި ފޯރިގަދަވެ، ކުލަބުތަކުން ކުޅުންތެރިން ހޯދަމުމަށް މަސައްކަތް ކުރަމުންގެންދާ މިދަނޑިވަޅުގައި ނިއުގެ އައު މެނޭޖްމަންޓުން އަނެއްކާވެސް ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުން ތިބި ކުލަބަށް ސަޕްރައިޒެއް ދޭން އުޅެކަން ފޭސްބުކް ގައި ކުަލބުގެ ޗެއާމަން ޖަހާފައި އިން ސްޓޭޓަސް އިން ހާމަވެއްޖެއެވެ.
ޗެއާމަން ފޭސްބުކްގައި ޖަހާފައި އިން ޕޯސްޓަކާއި ގުޅިގެން މެންދުރުޓީވީއިން އިތުރު މަޢުލޫމާތު ހޯދުމަށް ކުރިމަސައްކަތުން އެނގުނީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލްގެ ސްޓްރައިކަރަކާއި މިޑްފީލްޑަރެއް ކުރިޔަށް އޮތް ސީޒަނުގައި ނިއުގެ ސްކޮޑް ވަރުގަދަ ކުރުމަށް ސޮއިކުރުމަށް ތައްޔާރުވަމުންގެންދާ ވާހަކައެވެ.

Ad by Hajj Corporation
މީގެ އިތުރުންވެސް ނިއުރޭޑިއަންޓުން މިއަހަރުގެ ސްކޮޑް ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ ކީޕަރަކާއެކު އުޒްބެކިސްތާނުގެ ޑިފެންޑަރަކު ސޮއިކުރިކަން މީގެ ދެދުވަސް ކުރިން ވަނީ އިޢުލާންކޮށްފައެވެ. އަދި މިހާރު އެދެކުޅުންތެރިން ވަނީ ރާއްޖެ އައިސްފައެވެ.
ނިއުގެ އައު މެނޭޖްމަންޓް ކުލަބާއި ހަވާލުވިފަހުން ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އޭގެ އަސްލު މަޤާމަށް ގެނައުމަށް ކެނޑިނޭޅި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 7 އަހަރަށްފަހު ނިއުރޭޑިއަންޓުން އެނބުރި ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ލިބުނު ފުރުސަތުގައި އެ ޓީމުން ރަސްމީކޮށް ފަރިތަކުރުންތައް ފެށީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު، އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުންނެވެ.
މީގެ އިތުުރުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު އިން ވަނީ ރާއްޖޭގެ ކުލަބް ފެންވަރުގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭނާއެކު އަލީ އަޝްފާޤު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި އަހުނަފް ރަޝީދު (އަހުއްކޮ) އާއި މުހައްމަދު ނިޒާމް (ޕީކޭ) އާއި މުޙައްމަދު އިރުފާންގެ އިތުރުން ހަސަން ރާއިފް (ހަންނާ) ކުލަބާއި ގުޅުނުކަން އިޢުލާން ކޮށްފައެވެ.
އައު މެނޭޖްމަންޓުން ވަނީ ކުރިޔަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ފުޓްބޯޅައިގެ ފޯރިއާއި ޖޯޝު އަލުން ގަލޮޅު ދަނޑަށް ގެނައުމަށް އަމާޒު ހިފާފައެވެ. މިގޮތުން ރާއްޖޭގެ ނަން މަޝްހޫރު މޮޅެތި ގިނަ ކުޅުންތެރިންތަކެއް ނިއުރޭޑިއަންޓާ ގުޅިފައިވުމާއެކު، ކުރިޔަށް އޮތް ސީޒަނުގައި ގަލޮޅު ދަނޑު ކައްކާލުމަށް ޓީމު މިހާރު އޮތީ ތައްޔާރަށެވެ.