logo
ރިޕޯޓް

ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި މީހުން ޤައުމު ހަލަބޮލި ކުރުމަށް

މެންދުރު ޓީމް
5 ސެޕްޓެމްބަރު 2025 - 08:21
ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި މީހުން ޤައުމު ހަލަބޮލި ކުރުމަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން '' ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި'' ހަނދާން ރައްޔިތުން އަދި ނުނެތެއެވެ. ގައުމު ހަލަބޮލިކޮށް ދައުލަތުގެ އިމާރާތްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި އާންމުންގެ ތަންތާ ހުޅުޖަހައި ހިންގި ޖަރީމާގެ މަތިން ހަނދާނެއްނުނެތެއެވެ. ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކޮށް، އެ ސިނާއަތް ފުނޑާލަންދިން އަނިޔާގެ މަތިން ހަނދާނެއްނުނެތެއެވެ. ވަކީން ހާއްސަކޮށް ތިމާމެނަށް ވެރިކަން ލިބުނު ކޮންމެފަހަރަކު ޤައުމުގެ ޚަޒާނާ ''ލޫޓްވާލި'' ހަނދާން ރައްޔިތުންގެ ހިތުގައި ވަނީ ބިންވަޅުނެގިފައެވެ.

އަނެއްކާ ވެސް މި އިވެނީ އެމްޑީޕީން ޤައުމު ހަލަބޮލިކަމުގެ ތެރެއަށްވައްޓާލައި، ޤައުމަށް ހުރިހާ މާނައެއްގައި ވެސް ގެއްލުންވާނެމަގުން، ކަންކަންކުރަން އުޅޭކަމުގެ އަޑެވެ. މިފަދަ ވަގުތެއްގައި އެމްޑީޕީން ރާއްޖޭއަށް ދެމުން އަންނަ ސިލްސިލާ ގެއްލުންތުންތައް ހަނދުމަ އައުކޮށްލާންޖެހެއެވެ. އަދި އެ ބައިމީހުން މިކުރާކަމަކުން ކަމެއްގައި ބައިވެރިވުމުގެ ކުރިން މި ބައިވެރިވެވެނީ ކިހާވަރެއްގެ ބަޔަކާތޯއާއި ބައިވެރިވުމުން ނުކުމެދާނެ ނަތީޖާއާއިމެދު ކޮންމެހެންވެސް ފިކުރު ހިންގައިލަންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީން ޤައުމުގައި އެތައް ސިޔާސީ ހަމަނުޖެހުންތަކެއް ހިންގާ މާއްދީ ގެއްލުންތައްދިން

ފެބްރުއަރީ 8 ގެ ބޮޑުހުޅާއި ދިން ގެއްލުން

އެމްޑީޕީން ޤައުމަށް ދިން އަނިޔާގެ ލިސްޓް ނުހަނު ދިގެވެ. މިފަދަ ވަގުތެއްގައި މީގެ ތެރެއިން ބައެއްކަންކަން ހުނިޖަހާލުމަކީ ނެތްކަމެއްނޫނެވެ. މިހާހިސާބުން ހަނދާން މި ގުޅުވައިލަނީ 2012 އާއެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުނު އަހަރެވެ. އެ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، އެއިރުގެ ރައީސުލްޖުމްހޫރިއްޔާއަށް ޤައުމު ނުހިންގިގެން އިސްތިއުފާދެއްވީއެވެ. ލެޕްޓޮޕަކާއި ހަތް ރިސޯޓަކުން ޤައުމު ހިންގާނަމޭ ވިދާޅުވެ، ވެރިކަމަށް އައި އެމްޑީޕީއަށް މެނޭޖްނުކުރެވުނު ވަރުގެ މިސާލަކީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިން ބަޔެއް އުނިކޮށް، ސްކޫލްތަކާއި، މިސްކިތްތަކުގެ ފާޚާނާތައް ސާފުކުރާނެ އެއްޗެއް ދައުލަތުން ގަނެދެވޭނެފަދަ ވެސް ނެތުނީއެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމް ބޮއްސުންލައި، މެނޭޖް ނުކުރެވި ވެރިވީމީހާ އާއި އިސްއެތައް ވެރިންނެއް ''ހަމައިގަތި ތިބެންނުޖެހި'' އެންމެފަހުން ވެރިކަމުގައި ސިއްކަޖެހުނީއެވެ. ހޭވެރިކަންވީ ޖެހިގެން އައި 8 ވަނަ ދުވަހެވެ. އެދުވަހު މަގުތަކަށް ނުކުމެ، ރައްޔިތުންގެ ހަރުމުދާ ލޫޓްވައި، ތަންތާ ހުޅުޖަހައި ދައުލަތަށް އެތައް އަހަރެއްވަންދެން ފޫނުބެދޭނެވަރުގެ ގެއްލުންދިނީއެވެ. މިކަމުގައި އާންމު ރައްޔިތުންގެ ތެރެއިން ބަޔަކަށް ބައިވެރިވެވުނީ އެމްޑީޕީގެ އަސްލު މަގްސަދު ނުވިސްނިތިބެ، އެ ރައްޔިތުންގެ ހިތްތައްއެކަމަށް ލެންބުމަށް ވިސްނައިދިން ވާހަތަތަކުގެ ސަބަބުންނެވެ. ފެބްރުއަރީ 8 ގެ ބޮޑު ހުޅާއި، ގެއްލުންތައް ބޮޑެތި ޖިނާއީ ކުށްތަކުގެ ހަމައަށް ފެތިގެންދެއެވެ.

މޭޑޭ ނަމުގައި ހިންގި ޖަރީމާ

2015 މެއި މަހުގެ އެއްވަނަ ދުވަހު ''މޭޑޭ''ގެ ނަމުގައި އެމްޑީޕީން އިސްވެ ބޭއްވި މުޒާހަރާއަކީ ވެސް އާންމު ރައްޔިތުންތަކެއް ޖިނާއީ ދަލުގައި ޖެއްސި މުޒާހަރާއެކެވެ. ރައްޔިތުންނަށް އެކި ދޮގު ވާހަކަތައް ވިސްނައިދީ ޖޯޝް ގެނައުމަށްފަހު އެމީހުން ޖަޒުބާތުގައި ފުލުހުންނަށް އަނިޔާކޮށް ޖިނާއީ ކުށްކުރުވީއެވެ. އެކަމުގެ އަދަބާއި ބައެއް ރައްޔިތުންނާއި ކުރިމަތިލާންޖެހި ޖަލުގެ ތޭރިތަކުގެ ތެރޭ ދުވަސްތައް ހޭދަކުރަންޖެހި، އެތަނުން އެކަކު ޖަލުއި މި ދުނިޔެ ދޫކޮށްފައިވާއިރު، މިކަމުގެ ފަހަތުގައި ތިބި އެމްޑީޕީގެ ބޮޑުން ތިބީ ކަމުންރެކިގެންނެވެ. ޖިނާއީ ޖަލުގައި ޖައްސައި ކުށްކުރުވީ އާންމު މެމްބަރުންލައްވައެވެ.

ވެރިކަން ލިބުނުކޮންމެފަހަރަކު ގައުމުގެ މާލިއްޔަތު ''ދޮވެލައި'' ދިން ގެއްލުން

މާލޭގެ ޕްރައިމް ލޮކޭޝަނުން ބިންތަކެއް ޑީލެއްގެ ދަށުން މަދު ކުންފުނިތަކަކަށް ދޫކޮށްލުން

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭގެ ޕްރައިމް ލޮކޭޝަންތަކުން އެއްވެސް އަގަކާއި ނުލައި، އިންޑިއާގެ ބައެއް ކުންފުނިތަކަށް ފްލެޓް އެޅުމުގެ ނަމުގައި ބިންތައް ދިނެވެ. އަދި ބައެއް ބިންތަކާއެކު ފަޅުރަށް ވެސް ދީފައި އެބަހުއްޓެވެ. ހައުސިން މަޝްރޫޢުއެއް ހިންގަންކަމަށް ބުނެ މިކަން ހިންގާފައިވަނީ ދައުލަތަށާއި ރައްޔިތުންނަށް އެއްވެސް ފައިދާއެއްނެތް އޭރުގެ އެމްޑީޕީގެ ވެރިންނާއި އެމްޑީޕީއަށް ނާޖާއިޒު މަންފާވާ ގޮތަށެވެ. ބިން ހިލޭ ދީފައިވާއިރު، އެ ކުންފުނިތަކުން އެ ބިންތަކުގައި އެޅި ފްލެޓުތައް މިލިއަނުން ފައިސާ ދައްކާފައި ރައްޔިތުން ނަށް ޖެހެނީ ގަންނާށެވެ. ބިންވެސް ފައިސާ ވެސް އެ ކުންފުނިތަކަށެވެ. ދައުލަތަކަށް ރައްޔިތަކަށް އެއިން ވީ ފައިދާއެއްނެތެވެ. ސުވާލަކަށް އޮތީ މިވަރުގެ ކަމެއް ހަމަ މިހެން ''ހިލޭ'' ކޮށްލައިފާނެތޯއެވެ. ޖަވާބަކީ އެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކުންނާއެކު ހާމަވެގެންދިޔަ އެއިރުގެ މިނިސްޓަރުންނާއި ވެރިންގެ ކޮރަޕްޝަންގެ ވާހަކައެވެ. މިލިއަނުން، މިލިއަނުން ހުރީ ''ކައިލައިފަ''އެވެ. ރައްޔިތުން މަގުތަކަށް ނެރެ ވެރިކަން ހޯދާފައި މިކުރަނީ މާސިންގާ ވައްކަންތަކެވެ.

ޖީއެމްއާރަށް މައި އެއާޕޯޓް ވިއްކާލުން

އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި، އެއިރުގެ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު، މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 28 ޖޫން 2010 ގައި އިންޑީއާގެ ޖީއެމްއާރަށް ދިނީ ވެސް ދައުލަތަށް ފައިދާއެއްނެތް ގޮތަށެވެ. އެއާޕޯޓް ހިންގައިގެން ލިބޭ ހުރިހާ މަންފާއެއް ޖީއެމްއާރުގެ ފައިކޭޓަށް ދާގޮތަށެވެ.  އެތަން ދިނީ 25 އަހަރުގެ މުއްދަތަށެވެ. ދިވެހިން ނުކުމެ ކުރި އިހުތިޖާޖުތަކުގެ ސަބަބުން ޖީއެމްއާރަށް އެތަން ހިންގަން ލިބުނީ ދެއަހަރާއި ބައިހާ މުއްދަތަކަށެވެ. 2012  ވަނަ އަހަރުގެ ނޮވެމްބަރު މަހު، އޭރުގެ ރައީސް މުޙައްމަދު ވަޙީދުގެ ސަރުކާރުން މި އެއްބަސްވުން ބާޠިލުކުރުމަށް ނިންމިއެވެ. 2012 ވަނަ އަހަރުގެ ޑިސެމްބަރު 7 ވަނަ ދުވަހު، ދިވެހި ސަރުކާރުން، ސަރުކާރުގެ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެދުވެރިކޮށް، ޖީއެމްއާރުގެ އަތުން އެއަރޕޯޓުގެ ހިންގުން ރަސްމީކޮށް ނެގިއެވެ. މި އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން، ޖީއެމްއާރުން ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޫރު އާބިޓްރޭޝަން ސެންޓަރަށް އާބިޓްރޭޝަން މައްސަލައެއް ހުށަހެޅިއެވެ. ޖީއެމްއާރުން އެންމެ ފުރަތަމަ އެދުނީ 1.4 ބިލިއަން ޑޮލަރާ ހަމައަށް ބަދަލު ހޯދުމަށެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ޓްރައިބިއުނަލުން ނިންމީ ޖީއެމްއާރުގެ ކޮޅަށެވެ. އަދި ޓްރައިބިއުނަލުން ޖީއެމްއާރަށް ގާތްގަނޑަކަށް 271 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ނިންމިއެވެ. ދިވެހި ސަރުކާރުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އެއިރު އޮތް ޕީޕީއެމްގެ ސަރުކާރުން މި އަދަދު ދައްކާ ނިމިފައިވާކަން ކަށަވަރުކޮށްދިނެވެ. މިއީ އެމްޑީޕީން ދިވެހި ޤައުމަށް ދިން އިންތިހާ ބޮޑު ގެއްލުމެވެ. އެމްޑީޕީގެ ކެމްޕޭނަށް ފައިސާހޯދައި، ބޮޑުން މުއްސަނދިވުމަށް ހިންގި ބޮޑު ޖަރީމާއެކެވެ.

ފެރީ ނިޒާމް ހިންގުމަށް ކަމަށް ބުނެ އެކްޓިވިސްޓުންނަށް ރަށްތައް ބަހާލުން

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގައި ފެރީ ނިޒާމެއް ހިންގަންކަމަށް ބުނެ، އެ ނިޒާމު ހިންގާ އަތޮޅުތަކުގައި އެ ޚިދުމަތް ދިނުމުގެ މުގާބިލުގައިކަމަށް ބުނެ، އެކަން ހަވާލުކުރި ކުންފުނިތަކަށް ފަޅުރައްތައް ހިލޭ ދީފަވެއެވެ. ރާއްޖޭގެ ފަޅުރަށްތަކަކީ ފަތުރުވެރިކަމުގެ ސިނާ އަތް ތަރައްގީ ކުރުމަށް ދޫކުރުމުގައި ވެސް ދައުލަތަށް ސީދާ ބޮޑު އާމްދަނީ އެއް ލިބޭ ކަމެކެވެ. ނަމަވެސް މި ރަށްތައް މި ގޮތަށް ބަހާލުމުން ދައުލަތަށް ބޮޑު ގެއްލުމެއްވިއެވެ. މި ރަށްތައް ބަހާލި ކުންފުނިތަކުގެ ހިއްސާދާރުން ގޮތުގައި އެއިރު ތިބީ ވެސް އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެމީހުންގެ ބައެއް މީހުން މިހާރު ވަނީ ފެރީ ނިޒާމުވެސް ހިންގައިނުދީ، އެކަމަކު ހިލޭ ހޯދި ބައެއް ރަށްތަކުގައި ރިސޯޓު ހަދައި ނަފާ ހޯދަން ފަށާފައެވެ. އަދި އެ ނިޒާމް ފެއިލްވި ނަމަވެސް އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ވަނީ އެ ނިޒާމް ހިންގަން ހަވާލުވި، އެމްޑީޕީގެ ބޮޑުންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް މިލިއަނުން ބަދަލުދީފައެވެ. މިއީ ވެސް ރޯމާދުވާލު އެމްޑީޕީން މި ގައުމަށް ދިން ގެއްލުންތަކުގެ ސިލްސިލާގެ ބޮޅެކެވެ.

ރައްޔިތުން ކައިރީ އަތްދޮންނަށް ބުނެދީފައި ދައުލަތުގެ މާލިއްޔަތު ދޮވެލުން

އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ވެސް އެތައް ކޮރަޕްޝަންގެ ޢަމަލުތަކެއް ފެންމަތިވިއެވެ. އެއިގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، 2020 ވަނަ އަހަރު، ކޮވިޑް-19 ބަލިމަޑުކަން ފެށުނު އިރު، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުން 75 ވެންޓިލޭޓަރ ގަތުމަށް ދުބާއީގެ ޕޭޕަރ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއެކު ހެދި ޑީލެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓް ރިޕޯޓަކުން ހާމަކުރި ގޮތުގައި މި މުޢާމަލާތުގައި ގިނަ އަދަދެއްގެ އުނިކަންތައްތައް ހުއްޓެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޕަރފޯމަންސް ނުވަތަ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނެތިއެވެ. ހެލްތް އެމްޑީޕީގެ އެ ސަރުކާރުން އެއްބަސްވުމުގެ އަގުގެ 90% ކަމުގައިވާ 30.9 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 2 މިލިއަން ޑޮލަރު) އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް އޮތީ ދީފައެވެ. އެކުންފުނިން ވަޢުދުވި އަދަދަށް ވެންޓިލޭޓަރ ފޯރުކޮށްދިނުމުގައި ފެއިލްވެ، ހަމައެކަނި 15 ވެންޓިލޭޓަރ ފޯރުކޮށްދިނެވެ. އަދި މި ވެންޓިލޭޓަރުތަކަކީވެސް ތަފާތު މޮޑެލްއެއްގެ، ބޭނުންކުރުމަށް އެކަށީގެންނުވާ ވެންޓިލޭޓަރުތަކެކެވެ.  މި އެއްބަސްވުން ހަވާލުކުރެވުނީ ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށްކަން ވަނީ ކަށަވަރުވެފައެވެ. ފަހުން ބައިނަލްއަޤްވާމީ އާބިޓްރޭޝަން ޓްރައިބިއުނަލްއަކުން ވަނީ ފޯރުކޮށްނުދެވުނު ވެންޓިލޭޓަރުތަކަށާއި އެކަމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ ގާތްގަނޑަކަށް 2.1 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށްއެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގެ މައްޗަށް އަމުރުކުރުކޮށްފައިވެއެވެ. ނަމަވެސް އެ ފައިސާވެސް ދައުލަތަށް ނުލިބި، އެމްޑީޕީގެ ބައެއް ބޮޑުންގެ ''ބަނޑުތެރެއަށް'' ދިޔައީއެވެ.

ފެނަކައިގެ ކޮރަޕްޝަން

އެމްޑީޕީގެ ދެވަނަ ސަރުކާރު ވެރިކަން ނިމުނުއިރު ދައުލަތުގެ ކުންފުނިތަށްވެސް އޮތީ ''ހުސްތޮށިގަނޑަށް'' ހަދައިލައިފައެވެ. އެއިން އެއް މިސާލަކީ ދައުލަތުގެ ޔުޓިލިޓީ ކުންފުންޏެއް ކަމުގައިވާ ފެނަކަ ކޯޕަރޭޝަންއަށް ޖައްސާފައިވާ ހާލެވެ. އެ ކުންފުނީގެ ދަރަނި 3.8 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 181 މިލިއަން ޑޮލަރު) އަށް އޮތީ އަރުވާލާފައެވެ. މި އަދަދުގެ ތެރޭގައި 1,090 އަށްވުރެ ގިނަ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ނުދައްކާ ހުރި ލޯނުތައްވެސް ހިމެނެއެވެ. 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ފެނަކައަށް 800 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ އަހަރީ ގެއްލުން ވެފައިވެއެވެ. މިއީ ކުރީ އަހަރުގެ ގެއްލުމުގެ ދެގުނައެވެ. 2023 ވަނަ އަހަރު ނިމުނުއިރު، ޖުމްލަ ޖަމާވެފައިވާ މާލީ ގެއްލުން 1.64 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ގޮފީގެ ޚާއްޞަ އޮޑިޓަކުން ފުޅާ ދާއިރާއެއްގައި ހިނގާފައިވާ ކޮރަޕްޝަން ހާމަވިއެވެ. އޮޑިޓް ރިޕޯޓުގައި ހަތަރު މަޝްރޫޢަކުން އެކަނި މާލީ އޮޅުވާލުންތަކުގެ ސަބަބުން 76 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ގެއްލުން ވެފައިވާކަން ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އެ ކުންފުންޏާގުޅޭ ޕްރޮކިއުމަންޓާ ގުޅުންހުރި ގިނަ މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. މިގޮތުންމަދުވެގެން 71 މިލިއަން ރުފިޔާގެ ޕްރޮކިއުމަންޓާ ގުޅުންހުރި 31 މައްސަލައެއް އޭސީސީއިން ތަޙްޤީޤު ކުރަމުންދާކަމަށް ރިޕޯޓްކުރެވިފައިވެއެވެ. ވަކި މައްސަލައެއްގައި ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި ޕްރޮކިއުމަންޓް ހެޑްގެ މައްޗަށް އެކަށީގެންނުވާ ގޮތުގައި ފައިސާ ދެއްކުމުގެ ސަބަބުން ކުންފުންޏަށް 848,000 ރުފިޔާގެ ގެއްލުމެއް ދިނުމުގެ ދަޢުވާ އުފުލާފައިވެއެވެ. މިއީ ހައްތަހާ ވެސް އެމްޑީޕީން ގައުމަށް ދިން މާސިންގާ ގެއްލުމެވެ. މި ފައިސާތައް ނެގިބަޔަކު ނަގައި ކައިގެން ފަަލަވެ، އަނެއްކާ ވެސް ކައިލާނެ އެއްޗެއ ް ހޯދަން ރައްޔިތުން ގުނބޯ ހައްދަނީއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ދިން ގެއްލުން

އެމްޑީޕީ އަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ދިމާކުރާ އެއްކަމަކީ ގައުމުގެ ފަތުރުވެރިކަން ހުއްޓުަވައި އިގްތިސާދު ފުނޑާލުމަށް އުޅުމެވެ. މިގޮތުން ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވާލައި، އެ ސިނާއަތަށް ގެއްލުން ދިނުމަކީ އެމްޑީޕީގެ އާދައެވެ. މީގެ އަސަރު ދިވެހި އިގްތިސާދަށްކުރި ހަނދާން އަދި ދިވެހިން ނުނެތެއެވެ. މަގުތައް ހަލަބޮލިކޮށް، ގައުމުގައި ހަމަނުޖެހުން އޮތްކަން ދެއްކުމަކީ ފަތުރުވެރިން މި އަރާމު، ހިމޭން މަންޒިލަށް އަންނަން ފަސްޖެހޭނެކަމެކެވެ. އެކަން އެނގިތިބެ އަމިއްލަ އެދުމުގައި ފަތުރުވެރިކަން ހުއްޓުވައި ސަރުކާރަށް ޖެއްސުންކުރަން އެމްޑީޕީން ނުކުތަސް، ހަގީގަތުގައި އެ ޖެއްސުން ކުރެވެނީ، އެ ގެއްލުން ދެވެނީ ތިމާމެންވެސް އެ ބައެއް ތެރޭ ހިމެނޭ ޖުމްލަ ރައްޔިތުންނަށެވެ. ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުމުގެ ވޭން އެންމެ ބޮަޑަށް އުފުލާނީ ވެސް ރައްޔިތުމީހާއެވެ. ނަމަވެސް އެމްޑީޕީން އަބަދުވެސް ބަދަލަނީ އަމިއްލަ އެދުމަށްކަމުން، އަނެއްކާވެސް މަގުމައްޗަށް ނުކުތުމަށް އެދަނީ ފައިނަގަމުންނެވެ.

އިސްވެ ބަޔާންކުރެވުނުފަދަ އެތައް ސަބަބަކީ އެމްޑީޕީއާއި ފެޔަށްޖެހި، އެމްޑީޕީން ކުރާން އުޅޭ ކަންކަމާއި ވާގިވެރިވާން ނުވާނެ ކަންކަމަށެވެ. އެމްޑީޕީ އަކީ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ޤައުމު ހަލަބޮލިކޮށް، އިގްތިސާދު ފަހަތަށް ޖެއްސުމުން ގެއްލުން ވަނީ ވަކި ސަރުކާރަކަށް، ސަރުކާރަށް ތާއީދުކުރާ މީހުންނަކަށްނޫނެވެ. އެއިގެ ގެއްލުން ޖުމްލަ ހުރިހާ ރައްޔިތުން ތަހައްމަލުކުރަންޖެހޭނެކަން ދަންނަންވާނެއެވެ.

 

 

 



 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި މީހުން ޤައުމު ހަލަބޮލި ކުރުމަށްރިޕޯޓް | 14 ގަޑިއިރު ކުރިންމީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއުޚަބަރު | 9 ދުވަސް ކުރިންޕާސްޕޯޓު ހިދުމަތް ފެށުމަށް ހުރަސްއެޅީ ނަޝީދު ފަހަތަށް އެރުމުން: ޝިޔާމްޚަބަރު | 15 ދުވަސް ކުރިންއެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް ޚަބަރު | މަހެއް ކުރިން