ތޫނު ހަތިޔާރު ފެނިގެން ގޭންގު ކުށްތަކުގެ އައު ޤާނޫނުގެ ދަށުން 3 މީހަކު ހައްޔަރުކޮށްފި

6 ސެޕްޓެމްބަރު 2025 - 02:04

މާލެ ތެރޭގައި ނުރައްކާތެރި ކުށްތައް ހިންގުމަށް ރާވައި، އެކަމަށް ބޭނުންކުރާ ތޫނު ހަތިޔާރު ފެނުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ އަލަށް އަމަލުކުރަން ފެށި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު"ގެ ދަށުންނެވެ.

Ad by Hajj Corporation
ފުލުހުންގެ ޚިދުމަތުން ހުކުރު ދުވަހުގެ ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމްވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މާލޭގެ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލާފާސްކުރީ ހެންވޭރުގައި ހުންނަ ގެއެކެވެ. 2025 ސެޕްޓެމްބަރ 3 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މި ގެ ބަލައި ފާސްކުރިއިރު، އެ ގެއިން ތޫނު ހަތިޔާރުތަކެއް ވަނީ ފެނިފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންނަކީ މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) އެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް ބަންދު ކުރުމަށް އަދި އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ބަންދުގެ އަމުރު ނެރެފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ.
މި މައްސަލަ މިހާރު ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.