ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ހައްޔަރު ކުރި މީހުންގެ ފޮޓޯ އާންމު ކޮށްފި
6 ސެޕްޓެމްބަރު 2025 - 05:04

ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އަމަލުކުރަން ފެށި އައު ގާނޫނުގެ ދަށުން 3 މީހަކު ހައްޔަރުކޮށް ފޮޓޯ އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ސެޕްޓެމްބަރ 3 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާކަމަށެވެ.

Ad by Hajj Corporation
ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލެއިން ހައްޔަރުކުރި މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގައެވެ.
ބަލައި ފާސްކުރިއިރު އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި މއ. މޯނިންގވިޔު / އުމުރުން 30 އަހަރުގެ އަޙްމަދު ނަވާޒު ، ހަމަ އެގެއަށް ނިސްބަތްވާ 22 އަހަރުގެ އިބްރާހިމް ޒައިދާންގެ އިތުރުން، ބަށިމާގެ / ލ. މާބައިދޫ މުޙައްމަދު ޝިދާދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަހްމަދު ނަވާޒް 30 ދުވަހަށް އަދި އިބްރާހީމް ޒައިދާނާއި މުހައްމަދު ޝިދާދް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައެޅިފައެވެ.
ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ދެވޭ ބޮޑެތި އަދަބުތަކުގެ ތެރެގައި ގޭންގެއް އުފައްދައި ނުވަތަ ގޭންގެއް ހިންގުމަކީ ކުށެއް ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އެ ކުށް ކުރާ މީހުންގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު ދެ ލައްކަ ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ. ގޭންގެއް އުފައްދާ އަދި ހިންގާ މީހަކަށް އެހީތެރިވާ މީހުންގެ އަދަބަކީ 18 އަހަރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން ހިމެނެއެވެ.
މީގެ އިތުރުން އިންތިޒާމުވެގެން ހިންގާ ކުށްތަކާއި އެފަދަ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު 20 އަހަރަށް ޖަލަށްލުމާއި ހަތް މިލިއަން ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަ ކުއްޖަކު ވައްދައިފިނަމަ އެކަން ކުރި މީހަކު 25 އަހަރަށް ޖަލަށްލުމާއި، 10 މިލިއަން ރުފިޔާ އާއި ދެލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.