ގޯލު ތަޅުއަޅުވައި، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން އެ ގައުމު ބަލިކޮށްފި
6 ސެޕްޓެމްބަރު 2025 - 13:02

ސައުތު އޭޝިއަން ސުޕަ ކަޕްގައި ލަންކާއާ ދެކޮޅަށް ކުޅެ ރާއްޖެއިން މޮޅުވެއްޖެއެވެ.
ލަންކާގެ ރޭސް ކޯސް އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

Ad by Hajj Corporation
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު އަދި ރާއްޖެއަށް ލީޑުނަގައިދިން ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި، ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދާދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރާއްެޖެއިން ދެވަނަ ލަނޑެއްޖަހައި ލީޑުފުޅާކުރީ 35 ވަނަ މިނެޓުގައެވެ. ކައުންޓަރ އެޓޭކެއްގައި ލަންކާގެ ޑިފެންޑަރުން ތަންކޮޅެއް ކުރިއަށް ޖެހުނު ވަގުތެއްގައި، ޓީމެއްގެ ގޮތުގައި މޮޅު ޕާސްތަކެއް ކޮށްގެން ތަނަވަސްކުރި ފުރުސަތެއްގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިބްރާޙިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މިއީ ހަމްޕު މުޅިން ހުސްކޮށްލާފައި ދިން މޮޅު ތުރޫ ޕާސްއެއްގައި ދާދު ވަރަށް ރަނގަޅަށް ޖާގަ ތަނަވަސްކޮށްގެން ކުރިއަށް އަރައިގެން ގޮސް، މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލަން ދިން ފުރުސަތެއްގައި ފޭދޫ އިއްބެ ޖަހައިދިން ލަނޑކެވެ.
މެޗުގައި ލަންކާއަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނުއިރު، މި ފުރުސަތުތައް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު މުޙައްމަދު ފައިސަލް ވަނީ ތަފާތުދައްކާފައެވެ. މެޗުގައި ފަރަގު ކުޑަކުރަން ލަންކާއަށް ޕެނަލްޓީއެއް ވެސް ލިބި ބޭކާރުވެފައިވެއެވެ. ލަންކާގެ ސޭމް ޑުރާންޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.
މެޗުގެ ފަހުކޮޅު ރާއްޖެއަށް ވެސް އިތުރު ލަނޑެއް ޖަހާނެ ފުރުސަތު ލިބި ގެއްލިފައިވެއެވެ. ރާއްޖޭގެ ހާފުގެ ތެރެއިން ލަންކާގެ ކުޅުންތެރިން އަތުން ބޯޅަ ހޯދައިގެން އަލީ ފާސިރު (ސެންޓޭ) ވަރަށް ރަނގަޅަށް ލަންކާގެ ހާފު ތެރެއަށް ވަދެ، އޭރިއާ ތެރެއަށް ވެސް ވަނުމަށްފަހު މުޅިން ހުސްކޮށްލާފައި ދިން ބޯޅަ، ފޭދޫ އިއްބެއަށް އެންމެ ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.
އެނެންނަމަވެސް އޭގެފަހުން، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފަސް މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގައި ސެންޓޭ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ އެންމެ 16 އަހަރުގެ މުޙައްމަދު އިލާން އިމްރާން ދިން ހުސް ފުރުސަތެއްގައި ސެންޓޭ ވަރަށް ހަމަޖެހިލާފައި ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި އިލާން ކުޅެން އަރާފައިވަނީ މެޗުގެ ފަހުކޮޅު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޭދޫ އިއްބެއެވެ.
ރާއްޖެއިން ފުރަތަމަ މެޗުގައި ލަންކާ ބަލިކުރިއިރު، މި މަހު ލަންކާގައި ސުޕަ ކަޕް ކުޅެން ރޭވީ ހަތަރު ގައުމުގެ މެދުގަ އެވެ. އެކަމަކު، ބޫޓާނާއި ބަންގްލަދޭޝް ބައިވެރިނުވުމުން، ލަންކާ އާއި ރާއްޖޭގެ ދެ މެޗަށް މި މުބާރާތް ބަދަލުކުރީ އެވެ.
މި މަހު ނުވަ ވަަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗުން ރާއްޖެ ތިން ގޯލުގެ ފަރަގަކުން ބަލިނުވެއްޖެނަމަ، އެ ޓީމަށް ސުޕަ ކަޕް ޗެމްޕިއަންކަން ލިބޭނެ އެވެ.
މީގެކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު 22 މެޗުގެ ތެރެއިން ލަންކާ މޮޅުވީ ތިން މެޗުންނެވެ. ދިހަ މެޗު އެއްވަަރުވިއިރު، ރާއްޖޭން ނުވަ މެޗުން މޮޅުވި އެވެ. ލަންކާ އިން އެންމެ ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.