ދިވެހި ފުޓުބޯޅައަށް ދިރުމެއް، 7 އަހަރަށްފަހު ބައިނަލްއަގްވާމީ ޓްރޮފީއެއް، މަރުޙަބާ ޤައުމީ ޓީމް
9 ސެޕްޓެމްބަރު 2025 - 14:10

ސްރީލަންކާއިން އިންތިޒާމުކޮށްގެން އެ ގައުމުގައި ބާއްވާ ސައުތު އޭޝިއަން ސުޕާ ކަޕުގެ ދެވަނަ މެޗު އެއްވަރުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން އެ މުބާރާތް ކާމިޔާބުކޮށް، ވަޅުޖެހިފައިވާ ދިވެހި ފުޓުބޯޅައާމެދު ދިވެހިންނަށް ގައުމީ ޓީމުން އުއްމީދުގެ ހުޅުކޮޅު ދިއްލާލަ ދީފިއެވެ.
ޖުމްލަ ހަތަރުު ޓީމު ވާދަކުރާގޮތަށް އިއުލާނުކުރި މި މުބާރާތުގައި، ހަތަރު ޓީމު ވާދަކުރާގޮތަށް އޮތް ނަމަވެސް، ބޫޓާނާއި ބަންގްލަދޭޝް ބައިވެރިނުވުމުން، ލަންކާ އާއި ރާއްޖޭގެ ދެ މެޗަށް މި މުބާރާތް ބަދަލުކުރީ އެވެ.

Ad by Hajj Corporation
މުބާރާތުގެ ފުރަތަމަ މެޗުން ލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ މެޗުގައި ލިބުނު ބޮޑު މޮޅާއެކު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެކަމުގެ ބޮޑު އުއްމީދެއްގައި ރާއްޖެއިން ދެވަނަ މެޗަށް ނުކުތްއިރު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި، އަވަސް ގޭމެކެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ކުރީކޮޅުން ފަށައިގެން ވެސް ދެ ޓީމުން ވެސް ދިޔައީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ހަމަލާތަކެއް އުފައްދަމުންނެވެ.
އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނުރައްކާތެރި ހަމަލާއެއް ލަންކާގެ ގޯލާ ދިމާލަށް ފޮނުވާލާފައެވެ. ލަންކާ ހާފުގެ މެދެއްހައި ހިސާބުން ރާއްޖޭގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ބާރު ހަމަލާ، ލަންކާގެ ކީޕަރު ހުރަސްކޮށް ގޯލާ ދިމާލަށް ދިޔަ ނަމަވެސް ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އޭގެފަހުން، މެޗުގެ 20 ވަނަ މިނެޓުގައި ލަންކާ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ޓީމުގެ ޖޭސަން ތަޔަޕަރަން ވަނީ ރާއްޖޭގެ އޭރިއާ ތެރެއަށް ބޯޅައާއިއެކު ވަދެ، ގޯލާ ވަރަށް ކައިރިން ބާރު ނުރައްކާތެރި ހަމަލާއެއް ގޯލާ ދިމާލަށް ފޮނުވާލާފައެވެ. މި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެފަހުން ވެސް ޖޭސަން ވަނީ އޭރިއާ ތެރެއިން ގޯލާ ދިމާލަށް ރަނގަޅު ހަމަލާއެއް ފޮނުވާލާފައެވެ. މި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.
މި ހާފުގެ ބާކީބައިގައި ލަންކާގެ ފަރާތުން ބޯލަ ހިފަހައްޓައިގެން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މިހާފުގެ ފަހު ދެތިން މިނެޓުގައި ރާއްޖެއިން ވެސް ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރިއިރު، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ރާއްޖެއަށް ވެސް ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ، އެހެންނަމަވެސް ވާދަވެރި ކުޅުމެކެވެ. ދެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ރާއްޖޭގެ ފޭދޫ އިއްބެއަށް ވަނީ މި ހާފުގައި ވެސް ރަނގަޅު ހަމަލާއެއް ފޮނުވާލަން މަސައްކަތްކޮށްފައެވެ. އޭރިއާ ތެރެއިން އިއްބެ ފޮނުވާލި ބާރު ހަމަލާއަށް ހުރަސް އެޅީ ލަންކާ ޓީމުގެ ޑިފެންޑަރެކެވެ.
އެފަހުން މެޗުގެ 64 ވަނަ މިނެޓުގައި ލަންކާއިން ވަނީ ވަރަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ލަންކާގެ މުޙައްމަދު ތިލްހަމް ވަރަށް ނުރައްކާތެރި ހަމަލާއެއް ގޯލާ ދިމާލަށް ބޮލުން ފޮނުވާލި ނަމަވެސް، ރާއްޖޭގެ ތަޖުރިބާކާރު ކީޕަރު މުޙައްމަދު ފައިސަލް ވަނީ ވަރަށް ހުށިޔާރުކަމާއެކު ބޯޅަ ދިފާއުކޮށްފައެވެ. އެފަހުން ވެސް ލަންކާއިން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް މި ދެ ހަމަލާ ވެސް ގޯލަށް ވަނުމަށް ހުރަހަކަށްވީ ފައިސަލް އެވެ.
ރާއްޖެއިން މެޗުގައި ލަނޑުޖަހައި ލީޑުނެގީ 67 ވަނަ މިނެޓުގައެވެ. މިއީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހެއްގައި، ފޭދޫ އިއްބެ ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ހަމަލާ ހުރަސް ދަނޑީގައި ޖެހިފައި ރިބައުންސަށް އައުމުން ލިބުނު ފުރުސަތެއްގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނާއިޒް ހަސަން (ދާދު) ޖަހައިދިން ލަނޑެކެވެ.
މެޗުގައި ލަންކާއިން ޖެހި ލަނޑަކީ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭގައި، ކޯނަރަކުން ލިބުނު ފުރުސަތެއްގައި ލަންކާ އިން ޖެހި ލަނޑެކެވެ.
މި ނަތީޖާއާއިއެކު ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖެއިން ކާމިޔާބުކުރި ފުރަތަމަ ޓްރޮފީއެވެ.
އަދި މި މޮޅާއެކު ރާއްޖެއިން މިވަނި، 2002 ވަނަ އަހަރަށްފަހު ލަންކާ އަތުން ބަލިނުވެ އޮތް ރެކޯޑު ވެސް ދަމަހައްޓާފައެވެ. އެންމެފަހުން ރާއްޖެ އަތުން ލަންކާ މޮޅުވެފައި ވަނީ 2002 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައެވެ.


