ގައުމީ ޓީމުން ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަނީ
10 ސެޕްޓެމްބަރު 2025 - 05:48

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ ކާމިޔާބީ ކުލަ ގަދަކޮށް ފާހަގަކުރަން ނިންމައިފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

Ad by Hajj Corporation
ފުރަތަމަ މެޗުގައި ލިބުނު ބޮޑު މޮޅާއެކު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެކަމުގެ ބޮޑު އުއްމީދެއްގައި ރާއްޖެއިން ނިކުތް ދެވަނަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން އެގްރިގޭޓުން ރާއްޖޭގެ ޓީމަށް މިމުބާރާތުގެ ތަށިވަނީ ލިބިފައެވެ.
ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖޭގެ ޤައުމީ ޓީމުން ކާމިޔާބުކުރި ފުރަތަމަ ޓްރޮފީއެވެ.
މިމޮޅަކީ މިހާރު ވަޅުޖެހިފައިވާ ދިވެހި ފުޓްބޯޅައަށް އުއްމީދުގެ ހުޅުކޮޅު ދިއްލިައިދިން މުހިންމު ނަތީޖާއެކެވެ. އެހެންކަމުން އެކަން ފާހަގަކޮށް ޤައުމީ ޓީމަށް ހިތްވަރުދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެކެވެ.
މެޗަށްފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނީ މިއަދު 2:25 ގައެވެ. އެއަށްފަހު 3:45 ގައުމީ ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ގަލޮޅު ބޯޅަ ދަނޑުގައި ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އަދި މި މޮޅާއެކު ރާއްޖެއިން މިވަނި، 2002 ވަނަ އަހަރަށްފަހު ލަންކާ އަތުން ބަލިނުވެ އޮތް ރެކޯޑު ވެސް ދަމަހައްޓާފައެވެ. އެންމެފަހުން ރާއްޖެ އަތުން ލަންކާ މޮޅުވެފައި ވަނީ 2002 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައެވެ.


