ބޮޑުތަކުރުފާނު މަގު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފި
8 ސެޕްޓެމްބަރު 2025 - 08:49

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކުރުމަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.) އިން ބުނީ މިމަސައްކަތުގެ ދަށުން 132 މީޓަރުގެ ސަރަޙައްދެއްގައިވަނީ ޝީޓްޕައިލް ކޮށްފައިކަމަށެވެ.
އެމްޓީސީސީން ބުނީ ދެން ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަހައްދަށް ވެލި އަޅައި، އެ ސަރަހައްދު ހިއްކުމުގެ މަސައްކަތްކަމަށެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.) އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި މި މަޝްރޫޢު ހިމެނެއެވެ.
މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން މަނާކޮށްފައިވާނެއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު، ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށާއި، މަސައްކަތް ހިނގާ ސަރަޙައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައެވެ. ސަރުކާރުން އުންމީދުކުރަނީ މި މަޝްރޫޢު ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.