އޭޝިއަން ޔޫތު އެންޓި-ކޮރަޕްޝަން ހެކަތަންގައި ރާއްޖެއިން ބައިވެރިވަނީ
9 ސެޕްޓެމްބަރު 2025 - 10:22

"ކޯޑިންގ4އިންޓެގްރިޓީ" އޭޝިއަން ޔޫތު އެންޓި-ކޮރަޕްޝަން ހެކަތަން 2025 ގައި ދިވެހިރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ދިވެހިރާއްޖެ ތަމްސީލުކުރުމަށް ތިން މެންބަރުންގެ ޓީމެއް ބައިވެރިވާނެ ކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދަނީ ޗައިނާގެ ހޮންގކޮންގގައި މި މަހުގެ 15 އިން 19 އަށް ކަމަށެވެ.

Ad by Hajj Corporation
އޭސީސީން ބުނި ގޮތުގައި ހޮންގކޮންގ ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަންގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިކެކް)އިން ހުރިހާ ޙަރަދެއްދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި، އޭސީސީ އިން ބައިވެރިވާނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ކަމަށެވެ. ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވަނީ ޢުބައިދުﷲ ޢަލީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއިން އަޙްމަދު އަފްޒަލް އަދި ވިމެން އިން ޓެކް މޯލްޑިވްސްއިން އަލްފާޟިލާ އާމިނަތު ރަޔާންއެވެ.
މި ސަރަޙައްދީ ހެކަތަނަކީ އައިކެކް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެންޓި-ކޮރަޕްޝަން އޮތޯރިޓީސް (އައިއޭއޭސީއޭ) ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އޭޝިއާ ސަރަހައްދުގައި ކޮރަޕްޝަނާ ގުޅުންހުރި ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޙައްލުތައް ފަރުމާކޮށް ތަރައްޤީކުރުމެވެ.
މި މުހިންމު ސަރަޙައްދީ މުބާރާތުގައި ބައިވެރިވުމަކީ ޒުވާން ޖީލު ބާރުވެރިކުރުވުމަށާއި، އައު ގޮތްތައް ހޯދުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ހަރުދަނާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް އޭސީސީން ބުނެއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަދި އައު ގޮތްތައް ހޯދުމުގައި އެކި ދާއިރާތަކުގެ ބައިވެރިވުމުގެ މުހިންމުކަން މި މުބާރާތުން ފާހަގަކޮށްދޭއިރު، މިއީ ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭސީސީން ބުނެއެވެ.