ފެންނަ ނުފެންނަ ވޯޓުގެ ބިލު ފާސްކޮށްފި
9 ސެޕްޓެމްބަރު 2025 - 10:57

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު އްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު ފާސްކުރަން ނިންމީ، ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation
ކޮމިޓީން ބިލަށް ގެނައި އިސްލާހުތައް:
- ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް ކޮމިޝަނުގައި އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް ބުނާ މާއްދާ އަށް ބަދަލުގެނެސް 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިޚްތިޔާރު އީސީ އަށް ދިނުން.
- ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްޙަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންކަމަށް ބުނާ މާއްދާއެއް އިތުރުކުރުން.
- ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެ މާއްދާއެއް އިތުރުކުރުން.
ސަރުކާރުގެ ފަރާތުން މަޖިލީހުުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ކަމަށާއި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ވެއެވެ. މީގެ އިތުރުން މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތާ، ރާއްޖޭގެ ސަރަހައްދު ބަދަލު ކުރަން ޖެހޭނެ ގޮތް ވެސް ވަނީ ބިލުގައި ހިމަނާފައެވެ.
އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ގާނޫނެއް ނެތެވެ.