މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފި
9 ސެޕްޓެމްބަރު 2025 - 12:10

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެމްބަރުން ހުށަހަޅަން ޖެހޭ މާލީ ބަޔާންތައް ހުށަނާޅާ 5 މެންބަރުން އެ މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅާ އޮތީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.

Ad by Hajj Corporation
މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަށް 15 ދުވަހުގެ ނޯޓިސްއެއްވެސް ވަނީ ދީފައެވެ.
އެ ފަސް މެންބަރުންގެ މާލީ ބަޔާންތައް ވެސް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
މަޖިލިސް ގަވައިދުގެ 77 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅުއްވާނަމަ، އިތުރު 15 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުއްވުމަށް ލިޔުމަކުން މަޖިލީހުގެ އަމީންއާންމު އެ މެމްބަރަކަށް އަންގަވާނެ ކަމަށެވެ.
އަދި އެ 15 ދުވަސް ހަމަވާއިރު ވެސް މާލީ ބަޔާން ހުށަނާޅުއްވާނަމަ، ދެން އޮންނަ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރިޔާސަތުން އެ މެމްބަރެއްގެ ނަން މަޖިލިސް ތަޅުމުގައި އިއްވާނެއެވެ. އަދި އެއަށްފަހު ދެން އެ މެމްބަރަކަށް މަޖިލިސް ޖަލްސާއެއްގައި ވެސް އަދި ކޮމިޓީ ބައްދަލުވުމެއްގައި ވެސް ބައިވެރިވެވޭނީ، މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުއްވުމަށްފަހުގައި ކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވެއެވެ.
މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން ހުށަހަޅަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިހާރުގެ މެންބަރުން ބަޔާން ހުށަހަޅަން ޖެހެ އެވެ.