އަމިއްލަ ފަރާތްތަކުން ބިނާ ކުރާ މިސްކިތްތައް 2 އަހަރުތެރޭ ނިންމަޖެހޭ ގޮތަށް އުސޫލެއް ކަނޑައަޅައިފި
9 ސެޕްޓެމްބަރު 2025 - 11:51

މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ މުއްދަތު ގިނަ ނުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވެފައިވާ ކަމަށެވެ. ވުޒާރާއިން ބުނީ މިކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލު ހޯދުމަށްޓަކައި އެ ވުޒާރާ އިން ވަނީ ސިޔާސަތު ތަކެއް ކަނޑައަޅާފައިކަމަށެވެ.

Ad by Hajj Corporation
އެގޮތުން މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމާއި ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކުރުން ހިމެނެ އެވެ.
އަދި މި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލަން ވަނީ ހަމަޖައްސާފަ އެވެ. އެ ވުޒާރާއިން ބުނީ އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގޭނެ ކަމަށާ އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ވެސް ނުކުރެވޭނެ ކަމަށެވެ.
އަދި މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުމާއި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރާނެ ކަމަށެވެ.
ވުޒާރާ އިން މި އުސޫލު ހެދިއިރު ހުޅުމާލޭގައި އަމިއްލަ ބައެއް ފަރާތްތަކުން މިސްކިތް އަޅަން ބިން ނަގައިގެން މަސައްކަތް ނުނިންމާ އެތައް އަހަރެއްވެއްޖެ އެވެ. ކޮންސްޓްރަކްޝަން ބައެއް ކުންފުނިތަކުން އެގޮތަށް ބިން ނަގާ އެ މީހުން ހިންގާ އެހެން ޕްރޮޖެކްޓްތަކަށް މުދާ ގެނެސް އެ ބިމުގައި ގުދަންކޮށް ބަހައްޓަ އެވެ. އެފަދަ ފިޔަވަޅެއް މި އެޅީ ނޫސްވެެރީންނާއި ބައެއް އާންމުން އެފަދަ ކުންފުނިތަކުގެ ވާހަކަ ހިއްސާކޮށް އެކަމުގެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ފަހުންނެވެ.