''ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ''

12 ސެޕްޓެމްބަރު 2025 - 08:49

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު ދެވުނު ހުކުރު ޚުޠުބާގައި، ނަމާދުގެ މަތިވެރިކަމާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފިއެވެ.
"ނަމާދުގައި ޚުޝޫޢަތްތެރިވުން" މި މައުޟޫޢުގައި ދެވުނު ޚުޠުބާގައި، ނަމާދަކީ އީމާންވުމަށްފަހު އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަންކަމާއި، އެއީ ދީނުގެ ތަނބުކަން ފާހަގަކޮށްފައި ވެއެވެ.

Ad by Hajj Corporation
ޚުޠުބާގައި ފާހަގަކުރެވުނު ގޮތުގައި، ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނީ ނަމާދާ މެދުގައެވެ. މިކަން ހާމަކޮށްދެއްވުމަށް ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއް ހުތުބާގައި ވަނީ ގެނެސްދީފައެވެ. އެ ޙަދީޘް ބަސްފުޅުގައި ވަނީ (إِنَّ أَوَّلَ مَا يُـحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ، فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْـجَحَ، وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ) (أخرجه أبو داود (864)، والترمذي (413)، والنسائي (465)،) މާނައީ: "ހަމަކަށަވަރުން ޤިޔާމަތްދުވަހު އެންމެފުރަތަމަ އަޅާގެ ޢަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެވޭހުށީ އޭނާގެ ނަމާދާމެދުގައެވެ. އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ ހަމަކަށަވަރުން ނަޖާވެ ކާމިޔާބުވެއްޖެއެވެ. އޭނާގެ ނަމާދުތައް ގޯސްވެއްޖެ ނަމަ ހަމަކަށަވަރުން ގެއްލި ހަލާކުވެއްޖެއެވެ."
ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ނަމާދު އަދާކުރަންވާނީ ތާހިރުކަންމަތީ ހުރެ، ދެއްކުންތެރިކަމެއްނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތްﷲ އަށް ހިތްނިޔަތް ޚާލިޞްކޮށްގެންނެވެ. އަދި ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާ ކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތްﷲ އެ ނަމާދު ޤަބޫލެއް ނުކުރައްވާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.
މާތްﷲގެ ޤުރުއާނުގައި ބަޔާންކުރަށްވާފައިވާ ވަހީ ބަސްފުޅުން މިސާލު ދައްކަވަމުން ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނޭކަމާއި، ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭކަން ވެސް އެ އާޔަތްތަކުން އެނގިގެންދާކަމަށް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ ޢަމަލުތައް ކުރާމީހުން މަދެއްނޫންކަމަށާއި، މިއީ އަހަރެމެންގެ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. '' އެ ސުވާލަކީ، ނަމާދު ކުރެވެނީ ޚުޝޫޢަތްތެރިކޮށް ރަނގަޅަށްހެއްޔެވެ؟ މާތް اللّٰهއާއި އެ ކަލާނގެ ކީރިތި ރަސޫލާ އެންގެވި ގޮތަށްހެއްޔެވެ؟ ޖަވާބުގައި އާނއެކޭ ބުނާ ނަމަ، ދެން ފާޙިޝުކަންތަކާއި ފާފަތަކަށް އަރައިގަނެވެނީ ކީއްވެތޯ ތިމާގެ އަމިއްލަ ނަފުސާ ސުވާލުކުރާށެވެ!'' ހުތުބާގައި ބުނެފަވެއެވެ.
ނަމާދުގައި ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއި މަޑުމައިތިރިކަމެއް ނެތި، ހިތަށް އެރިހައި ޙަރަކާތެއްކުރަމުން، އެތަންމިތަން ބަލަމުން، ނަމާދުކުރާ މީހުންނަށް ލިބޭނީ، ނަމާދުގެ ސަވާބުން ކިހައި މިންވަރެއްކަމުގެ މައްޗަށް ވެސް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. މިގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الرَّجُلَ لَيَنْصَرِفُ وَمَا كُتِبَ لَهُ إِلَّا عُشْرُ صَلَاتِهِ، تُسْعُهَا، ثُـمُنُهَا، سُبْعُهَا، سُدُسُهَا، خُـمُسُهَا، رُبُعُهَا، ثُلُثُهَا، نِصْفُهَا މާނައީ: "ބައެއް މީހުން ނަމާދުން ފައިބާ އިރު، އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅައެއްބައި، ނުވަބައިކުޅައެއްބައި، އަށްބައިކުޅައެއްބައި، ހަތްބައިކުޅައެއްބައި، ހަބައިކުޅައެއްބައި، ފަސްބައިކުޅައެއްބައި، ހަތަރުބައިކުޅައެއްބައި، ތިންބައިކުޅައެއްބައި، ނުވަތަ ދެބައިކުޅައެއްބައި ވެސް ސަވާބުގެ ގޮތުގައި ނުލިޔުއްވެއެވެ."
ނަމާދުގައި ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާއެކު އަޅުކަން އަދާކުރާ މީހުންނަށް، އުޚްރަވީ ޙަޔާތުގައި ލިބޭނެ ސަވާބާއި ދަރުމައިގެ އިތުރުން، އެ މީހުންގެ ދުނިޔަވީ ޢަމަލުތައް ވެސް ހެޔޮވެ، ޞާލިޙުވާނެކަމާއި، ނުބައި ކަންތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު އެބައިމީހުން ރައްކާތެރިކޮށްދޭނެކަން މިއަދުގެ ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.