logo
Bank of Maldives

Bank of Maldives

ޚަބަރު

ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ ގިޔާމަތް ދުވަހު ރައްކާތެރިކަމެއްނެތް: ޢީދު ޚުޠުބާ

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މޭ 2026 - 03:50
Screenshot
Screenshot

މިއަދު މުޅި އިސްލާމީ އުންމަތް ފާހަގަކުރަމުންދާ އަޟްޙާ ޢީދުގެ މުނާސަބަތުގައި ދެވުނު ޢީދު ޚުޠުބާގައި، ގިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ހަނދާން އައުކޮށް، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވައިފިއެވެ.

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ޢީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރަންޖެހޭ ދުވަސްތަކެކެވެ. މިގޮތުން ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާކިޔައި، އެ ފަރާތްތައް ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެހެން ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާންކުރަންޖެހޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި، ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނާއި އެނޫންވެސް ބިންތަކުގައި ތިބިކަން ހަނދާންކޮށް، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައިވާ ދުޢާގެ ބޭނުން ހިފައި، އެ އަޚުންނަށް ނަޞްރާއި ކާމިޔާބަށް އެދި ދުޢާކުރުމަށް ގޮވާލެއްވިއެވެ.

މިއަދުގެ ބޮޑު ޖަމާޢަތަށް ބަލައި، މަޙުޝަރުގެ މައިދާނުގެ ބިރުވެރިކަން ހަނދާނަށް ގެނައުމަށް ޚުޠުބާގައި އިލްތިމާސްކުރެއްވިއެވެ. ގިޔާމަތް ދުވަހު މީސްތަކުންގެ ބޮލާ ކައިވަތަކަށް އިރު ކައިރިވެފައިވާ ހިނދު ތިބޭނެ ހާލަތާއި، އެދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެވޭނީ ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް އެކަނިކަން ކީރިތި ޤުރްއާނުގެ އަލީގައި ބަޔާންކޮށްދެއްވިއެވެ. އެހެންކަމުން، ބޮޑާކަމާއި، ކިބުރުވެރިކަމާއި، ޙަސަދަވެރިކަން ހިތުން ފިލުވާލައި، އެކަކު އަނެކަކަށް މަޢާފުކޮށް ހިތްތައް ސާފުކުރުމަށް ބާރުއެޅުއްވިއެވެ.

އުޟުޙިޔާ ކަތިލުމަކީ އިބްރާހީމުގެފާނުގެ މިއްލަތުން ފެށިގެން އިސްލާމީ ޝަރީޢަތުގައި ގަދަވެގެންވާ ސުންނަތެއްކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާ ﷺ އަމަލުފުޅު ކުރެއްވި ގޮތުގެ މިސާލު ޚުޠުބާގައި ދެއްވިއެވެ.

ނިންމާލަމުން، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރުޢީ މިންގަނޑުތަކުން ބޭރުނުވުމަށް ވަނީ އިންޒާރު ދެއްވާފައެވެ. މީހުންނަށް ފުރައްސާރަކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމާއި، ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުން ފަދަ ދީނާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ. އަދި ޢީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން އިސްލާމީ ޘަޤާފަތާއި ޝިޢާރުތަކަށް އިޙުތިރާމުކުރުމަކީ ވާޖިބެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

‘’ސަލާމަތް ހިތަކާއިގެން ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ ގިޔާމަތް ދުވަހު ރައްކާތެރިކަމެއްނެތް:’’ޚަބަރު | ގަޑިއިރެއް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | ދުވަހެއް ކުރިން38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3،000 އަށްވުރެ ގިނަ ނަންޚަބަރު | 8 ދުވަސް ކުރިންދިވެހި ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ފުރައިފިޚަބަރު | 10 ދުވަސް ކުރިން